ޚަބަރު

ލުބްނާނުން ނުފައިބާން ޔަހޫދީން ދައްކާ ބަހަނާތައް ބަލައިނުގަނެވޭނެ: ޙިޒްބުالله


ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ސަރަޙައްދުތަކުން ފޭބުމަށް ދެކޮޅު ހަދައި، ދައްކަމުންދާ ބަހަނާތައް ބަލައިނުގަނެވޭނެ ކަމުގައި ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ ވެރިޔާ ޝައިޚް ނަޢީމް ޤާސިމް ވިދާޅުވެއްޖެއެވެ. ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ސަރަޙައްދުތަކުން ފޭބުމަށް 60 ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ. ނަމަވެސް، ޔަހޫދީ ސިފައިން ދަނީ އެ މުހުލަތުގެ ކުރިން ލުބްނާނުން ފައިބަން ދެކޮޅު ހަދަމުންނެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، އެއްބަސްވެފައިވާ މުހުލަތަށް ޔަހޫދީން އިޙުތިރާމު ކުރަން ޖެހޭނެ ކަމުގައެވެ. "އިސްރާއީލުގެ ސިފައިން ފޭބުމަށް ދީފައިވާ މުހުލަތަށް ފަހު ދެން ވާނީ ކިހިނެއްތޯ؟ އެ ކަން ކުރުމަށް އިސްރާއީލަށް ދީފައިވާ މުހުލަތު ފަހަނަ އަޅައިފި، އެހެންވީމަ އެ މީހުން ޖެހޭނީ ފައިބަން. އެ މުހުލަތު އިތުރު ކުރުމަށް އެ މީހުން ދައްކަމުންދާ ބަހަނާތައް ބަލަައެއް ނުގަނެވޭނެ،" ޓީވީ މެދުވެރިކޮށް ލުބްނާންގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވިއެވެ.

މި ކަމާ ގުޅޭ ގޮތުން ޔަހޫދީން ބުނީ، ލުބްނާންގެ ދެކުނުގައި ތިބި ސިފައިން އެ ސަރަޙައްދުން ބޭލުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައެވެ. އަދި، އެ ކަމުގެ ސަބަބެއް ކަމަށް ޔަހޫދީން ދައްކަމުންދާ ބަހަނާއަކީ، އެއްބަސްވުން ތަންފީޒު ކުރުމަށް ލުބްނާންގެ ސަރުކާރު ނުކުޅެދުމެވެ. އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލުމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި އެމެރިކާއިން ވަނީ ފެބުރުވަރީ 18އާ ޖެހެންދެން އެއްބަސްވުން ދަމަހައްޓާނެ ކަމުގެ ޔަގީން ކަން ދެ ފަރާތުން ދީފައިވާ ކަން ހާމަކޮށްފައެވެ. އެއީ، އެއްބަސްވުމުގައި ހާމަކޮށްފައިވާ ޖަނަވަރީ 26ވަނަ ދުވަހުގެ މުޙުލަތަށް ވުރެ ފަހުގެ ތާރީޚެކެވެ.

ޤާސިމް ވިދާޅުވީ، ލުބްނާނުން ފޭބުމަށް ޔަހޫދީންނަށް ދީފައިވާ މުހުލަތު ފެބުރުވަރީ 28ށް ދިގު ދަންމައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ކަމުގެ މަޢުލޫމަތު ލުބްނާންގެ ސަރުކާރުން ޙިޒްބުاللهއާ ހިއްސާ ކޮށްފައިވާ ކަމުގައެވެ. އަދި، އެ ކަމަށް އެ ޖަމާޢަތުން އިންކާރު ކޮށްފައިވާނެ ކަމުގައެވެ.

ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މީޤާތީ ވިދާޅުވީ، އެ މުހުލަތު ފެބުރުވަރީ 18އާ ހަމައަށް އިތުރު ކުރުމަށް އެމެރިކާގެ ސަފީރު ލީސާ ޖޮންސަނާ އެކު ބޭއްވި ބައްދަލުވުމެއްގައި ލުބްނާންގެ ސަރުކާރުން އެއްބަސްވެފައިވާނެ ކަމުގައެވެ. ނަމަވެސް، ޔަހޫދީ ފައުޖުން މިހާރު ވެސް މެދުކެނޑުމެއް ނެތި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ކަން ފާހަގަ ކުރައްވައި، މީޤާތީ ވިދާޅުވީ އެ ޖަރީމާތައް ހުއްޓައިލުމަށް ޔަހޫދީންނަށް ބާރު އެޅުމަށް އެމެރިކާއަށް ގޮވައިލާފައިވާނެ ކަމުގައެވެ.

"[ޔަހޫދީ ސިފައިން] ލުބްނާނުގައި ދެމިތިބޭ މުއްދަތު އިތުރު ކުރުމަށް ލުބްނާންގެ އެއްވެސް ރައްޔިތަކު ނޭދޭނެ. އިސްރާއީލުން ޖެހޭނީ ފައިބަން. އެ ކަމަށް ޔަހޫދީން ދެކޮޅު ހަދާ ނަމަ، އޭގެ ނަތީޖާތަކުގެ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާއާއި ފަރަންސޭސިވިލާތުގެ އިތުރުން އިސްރާއީލުން،" ޤާސިމް ވިދާޅުވިއެވެ. އަދި، ޔަހޫދީ ސިފައިން ލުބްނާންގެ ދެކުނުގައި ދެމިތިބޭ ނަމަ އެ ކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގެ ޙައްޤު ޙިޒްބުاللهއަށް ލިބިގެންވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ލުބްނާންގެ ދެކުނުގައި ތިބި ޔަހޫދީ ސިފައިން ދަނީ ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޔަހޫދީ ހައްދުފަހަނަ އެޅި ސިފައިން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި 24 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި، 141 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައިވާ ސަރަޙައްދުތަކަށް އެނބުރި ދިޔުމަށް މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ.