ޚަބަރު

ޔަހޫދީ އިސްތިޢުމާރީ ފައުޖުން ލުބްނާނަށް ބޮން އަޅައި، 24 މީހަކު ޒަޚަމްކޮށްލައިފި


ޔަހޫދީ އިސްތިޢުމާރީ ފައުޖުން، ލުބްނާނުގެ ދެކުނުގައި އޮންނަ ނަބަތިޔޭ ސިޓީއަށް ބޮން އަޅައި، 24 މީހަކު ޒަޚަމްކޮށްލާފައިވާ ކަމަށް ލުބްނާނުގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމުގެ ނަމުގައި، މައުސޫމް އެތައް ބަޔަކު ޒަޚަމްކޮށްލި ޙަމަލާތައް ކުށްވެރި ކުރައްވައި، ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މީޤާތީ ވިދާޅުވި ގޮތުގައި، މި ޙަމަލާތަކަކީ، ލުބްނާނުގައި ޙަމަލާތައް ހުއްޓައިލަން ވެފައިވާ ސުލްޙައިގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފު ޖަރީމާއެކެވެ.

މީޤާތީ ވަނީ، ސުލްޙައިގެ އެއްބަސްވުމުގެ ކަންކަން ބަލަހައްޓަން އެމެރިކާއިން އެކުލަވާލާފައިވާ ކޮމިޓީގެ މުޤައްރިރު، ޖެނެރަލް ޖެސްޕަރ ޖެފަރސްއަށް ފޯނުން ގުޅުއްވައި، މިކަމުގެ ޝަކުވާ އުފުލައިފައެވެ.

އަދި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން އިޒްރޭލަށް ބާރު އެޅުމަށް މީޤާތީ އެދިވަޑައިގެންނެވިކަމަށް، އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޤަތުލުޢާންމުތައް މެދުކަނޑައިލުމަށް އެއްބަސްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ފަސްދޮޅަސް ދުވަހުގެ މުއްދަތަށް ޢަމަލުކުރަން ފެށި، މި އެއްބަސްވުން، ފެބްރުއަރީ 18 އާ ހަމައަށް ދެމިއޮންނާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އެ އެއްބަސްވުން ފެބްރުއަރީ 18 ވަނަ ދުވަހާ ހަމައަަށް ދެމި އޮންނާނެ ކަމަށް އެމެރިކާއިން ބުނެފައި މިވަނީ އެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނިކޮށެވެ. ޔަހޫދީން ވަނީ ލުބުނާނުގެ ދެކުނުގެ އަވަށް ތަކަށް އެނބުރިދާން މަސައްކަތް ކުރި ޢާއްމުންނަށް ހަމަލާދީ އެތައް ބަޔަކު މަރާލައިފަ އެވެ.

ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން، ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ސަރަޙައްދުތައް ދޫކޮށް ފައިބަން ޖެހޭނެއެވެ. އަދި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެނބުރި އެ މީހުން ވަޒަނަށް ދަތުރު ކުރުމުގެ ފުރުޞަތު ދޭން ޖެހޭނެއެވެ.

ނަމަވެސް، ޔަހޫދީ ސިފައިން ދަނީ އެ ސަރަހައްދުތަކުން ފޭބުމަށް ދެކޮޅު ހަދަމުންނެވެ. އަދި، އެ ސަރަޙައްދުގެ ރައްޔިތުންނަށް އެނބުރި ގެދޮރަށް ދަތުރު ކުރުމަށް ހުރަސް އަޅަމުންނެވެ. ޔަހޫދީންގެ އަމުރާ ޚިލާފަށް ގެދޮރަށް ދިޔުމަށް މަސައްކަތް ކުރި މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ވަނީ ނިރުބަވެރި ޙަމަލާތަކެއް ވެސް ދީފައެވެ.