އަންނަ ރަމަޟާންމަހުގެ ކުރިން އިހަވަންދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ ކުރިންވެސް އާމިނާދިޔޯ ސިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިހަވަންދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ވަޢުދުވެވަޑައިގެންފައިވާއިރު، މިހާރު ކުރިއަށްދާ އެރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހިވެސް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި ރަމަޟާންމަހުގެ ކުރިން އެރަށުގެ ސިއްޙީ މަރުކަޒުގައި ޑައިލިސިސްްގެ ޚިދުމަތް ފަށާނެކަމުގެ އުންމީދު ދެއްވަމުން ރައީސް ވިދާޅުވީ ވަރަށް އަވަހަށް އިހަވަންދޫގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ވެމްކޯއިން ފަށްޓަވާނެކަމަށެވެ.
ކުނި މެނޭޖުކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޤާއިމްކުރައްވާނެކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ އެކަމަކީ ރަށްރަށުގެ ރައްޔިތުންގެ އުންމީދާ ގުޅިިފައިވާކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެފައިވާ ހުރިހާ ވައުދެއް ފުއްދުމަކީ އަމާޒެއްކަމަށާއި، އެންމެ މުހިންމީ އިޤްތިޞާދީ މަސައްކަތްކުރުންކަމަށެވެ. އެގޮތުން އިހަވަންދޫއަކީ ފައިބަރުގެ މަސައްކަތްވެސް ކުރާ ރަށަކަށްވުމުން އެމަނިކުފާނު ވަނީ އެ އަތޮޅު ދިގުފަރު ހިއްކާ ސިނާޢީ ރަށެއް ތަރައްޤީކުރުން ހިމެނޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކައުންސިލުން ހުވަހަންދޫ އެކަމަށް ޚާއްޞަކުރުމަށް އެރަށުގެ އިޙްތިޞާސްގައި ހިމަނައިދިނުމަށް އެދިވަޑައިގެންފައިވުމުން އެކަމަށް ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިހަވަންދޫ ބަނދަރުގައި މައްސަލަތަކެއް އެބަހުރިކަމަށާއި، އެކަންކަންވެސް ރައްޔިތުން ބޭނުންވާގޮތަށް ހައްލުކޮށްދޭނެކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ގެދޮރުވެރިކަމުގެ ދާއިރާއިން އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ މަޝްރޫޢުއެއް ހިންގުމަށް އިޢުލާންކޮށްފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ އިހަވަންދޫގައިވެސް 200 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެކަމަށެވެ.
"އަޅުގަނޑު މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ހިމެނީ 1500 މިލިޔަން ރުފިޔާ. ދުވަހަކުވެސް ރާއްޖޭގެ ބަޖެޓެއްގައި ހައުސިންގއަށް އެކަނި މިހާ ބޮޑު އަދަދެއް ނެތް ހިމަނާފައެއް. މިފަދަ އާބާދީ ބޮޑު އަދި އިޤްތިޞާދީ މަސައްކަތްކުރާ ރަށްރަށާ ކުދި ރަށްރަށުގައިވެސް އެންމެ މުހިންމީ ބޯހިޔާވަހިކަން ހައްލުކުރުން. އެހެންކަމުން މިއަހަރަށް ފާސްކުރީ ބޯހިޔާވަހިކަމުގެ ބަޖެޓެއް. އެ އިއުލާންގައި މާލޭގެ ބޯހިޔާވަހިކަން ހިމަނާފައި ނުވަނީ މާލޭގައި ވަކި މަޝްރޫއުއެއްގޮތަށް ކުރިއަށްދާނެ. ވަކިން އިއުލާންކުރާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާއިން އެއް ދަންފަޅިއަށް ކިޔަވައިދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށާއި، އެ ސިޔާސަތުގެ ދަށުން އިހަވަންދޫ ސްކޫލަށް ޖާގަ އިތުރުކުރައްވާނެކަމަށެވެ.
ރައީސް ވިދާޅުވީ ރަށްރަށަށް ތަރައްޤީގެނެސް ވައުދުތައް ފުއްދާނީ ރައްޔިތުންގެ އިޙްސާސާއި އެއްގޮތަށްކަމަށެވެ. އަދި މި މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް އިހަވަންދޫއަށް ވަޑައިަގތުމަށް އުންމީދުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.