މިއަހަރުން ފެށިގެން ޤައުމީ ޤުރްއާން މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވާކަން އިޢުލާންކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ޤުރްއާން މުބާރާތެވެ. ޒަމާނުންސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުން ނުހަނު އިސްކަމެއް ދީގެން ދަރިވަރުން ތައްޔާރުކޮށް، މި މުބާރާތުގައި ބައިވެރިކުރަމުންދެއެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ހައިބަތު ބޮޑު، އަދި ސަރުކާރުން އެ މުބާރާތަކަށް ވަރަށް އިސްކަމެއް ދެއްވާނެ މުބާރާތެއްކަން ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން މިއަހަރުން ފެށިގެން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ އަގުބޮޑު މުބާރާތައް ހައްދަވައި، އެންމެ ބޮޑެތި އިނާމުތައް ދެވޭ މުބާރާތަކަށް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި އަމާޒަށް ވާސިލްވުމަށް މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުގައި ލިޔެވިގެން، ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މުބާރާތަކަށް ހެއްދެވުމަށް ރައީސް ވަނީ ނިންމަވާފައެވެ. އެކަން އިޢުލާން ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މިކަމާގުޅޭގޮތުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ޤައުމީ ޤުރްއާން މުބާރާތް ގިނަ އަހަރުތަކެއް ވަންދެން ހިނގަމުން އައީ ތަނަވަސް ފަރާތްތަކުން ދެއްވާ ފައިސާއިން ބޮޑު ޚަރަދެއްކޮށްގެންކަމަށެވެ. އަދި މިކަމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ ޤައުމީ އަހައްމިއްޔަތަށްޓަކައި، މިއަހަރުން ފެށިގެން ސީދާ ދައުލަތުގެ ބަޖެޓުން ޤައުމީ ޤުރްއާން މުބާރާތް ހިންގުމަށް ނިންމަވައި، 2025 ގެ ބަޖެޓްގައި ރައީސް ހިމަނުއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސްގެ މި ނިންމެވުމުން މި ސަރުކާރުން ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރެއްވުމަށާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ދޭ އަހައްމިޔަތުކަން އެނގިގެންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މިއަހަރުން ފެށިގެން ޤައުމީ ޤުރްއާން މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާގޮތަށް ރައީސް ނިންމަވާފައިވާއިރު، މިއަހަރުން ފެށިގެން ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ގޮތުގައި ވަކި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ވަނީ ނިންމަވާފައެވެ. މި ރަސްމިއްޔާތުގެ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ ކުރަމުންނެވެ.