ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ އިހަވަންދޫ ހުރަވީ ވޮލީ ކޯޓާއި ހިންނަ ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިހަވަންދޫ ކައުންސިލާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ގުޅިގެން އިހަވަންދޫގައި ތަރައްގީކުރި މި އައުޓްޑޯ ވޮލީބޯޅަ ކޯޓު ހުޅުވައިދެއްވުމަށްފަހު އެ ކޯޓު ބައްލަވައިލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފުޓްސެލްދަނޑު ހުޅުވައިދެއްވުމަށްފަހު އެރަށުގެ ކުދިންނާއެކު ފުޓްސެލް ދަނޑުގައި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
ސަރުކާރުން ވަނީ މަސައްކަތް ހުއްޓިފައި ކުރިއަށްނުގެންދެވި ހުރި މަސައްކަތްތައް ދެ އަހަރުގެ ތެރޭގައި ނިންމަވާނެކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ވަނީ މީގެ ކުރިންވެސް ނުނިމިހުރި ބައެއް ކުޅިވަރު ދަނޑުތައް މިހާރުވެސް ނިންމަވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެކެވެ. ސަރުކާރުން ވަނީ އަތޮޅުތަކުގައި ކުޅިވަރު ކުޅޭތަންތަނުގެ ހާލަތު ރަނގަޅުކުރެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އިހަވަންދޫގައި ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ހުޅުވައިދެއްވި ދެ ދަނޑަކީވެސް ކައުންސިލުން ކުރިޔަށްގެންދިޔަ ދެ މަޝްރޫޢެވެ. މި ދެދަނޑު ވެސް ނިންމުމަށް ކުޅިވަރު ވުޒާރައިންވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައެވެ. އެގޮތުން ދަނޑުގެ ވަށައިގެން ފެންސުޖަހައި ދެ ދަނޑުގައިވެސް ޓާފް އަޅައި އެންމެ ޒަމާނީ ފެންވަރަށް ދެދަނޑު ވަނީ ތަރައްގީކޮށްފައެވެ.
މި މިސައްކަތް ކުރިޔަށްގެންގޮސްފަވަނީ މިދިޔަ އެއްއަހަރުދުވަހުގެ ތެރޭގައެވެ.