ރާއްޖޭގައި މިހާރު އެންމެ ފުޅާދާއިރާއެއްގައި ބެޑްމިންޓަންގެ ހަރަކާތްތައް ހިންގަމުން އަންނަ ރިވައިވަލް ސްޕޯޓްސް އިން މިއަހަރު ކުރިޔަށްގެންދާ ރިވައިވަލް ބެޑްމިންޓަން ޗެލެންޖަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ޖުމްލަ 332 އެތުލީޓުންނާއެކު ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތުލީޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ރިވައިވަލްގެ އެކަޑަމީތައް ހިންގަމުން އަންނަ ރަށްރަށް ހިމެނެއެވެ.
މުބާރާތް ކުރިޔަށްގެންދާ އުމުރުފުރާތަކަކީ އެގާރަ އަހަރުންދަށް، ތޭރަ އަހަރުންދަށް، ފަނަރަ އަހަރުންދަށް، ސަތާރަ އަހަރުންދަށް އަދި ނަވާރަ އަހަރުންދަށުގެ އުމުރުފުރާއެވެ. އަދި ސީނިއާ އޯޕަން ކެޓަގަރީވެސް ހިމެނެއެވެ. މުބާރާތުގެ 11 އަހަރުންދަށުގެ ފިރިހެން ސިންގަލްސް ކެޓަގަރީގައި 11 އެތުލީޓުން ވާދަކުރާއިރު އަންހެން ސިންގަލްސްގައި 17 އެތުލީޓުން ހިމެނެއެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި އަށް އެތުލީޓުން ވާދަކުރާއިރު، އަންހެން ސިންގަލްސްގައި 26 އެތުލީޓުން ވާދަކުރެއެވެ. މީގެއިތުރުން 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި 32 އެތުލީޓުން ވާދަކުރާއިރު, އަންހެން ސިންގަލްސްގައި 31 އެތުލީޓުން ވާދަކުރެއެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި 37 އެތުލީޓުން އަދި އަންހެން ސިންގަލްސްގައި 19 އެތުލީޓުން ހިމެނެއެވެ. 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި 16 އެތުލީޓުން ހިމެނޭއިރު އަންހެން ސިންގަލްސްގައި ހަތަރު އެތުލީޓުން ހިމެނެއެވެ.
މީގެ އިތުރުން ފަނަރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ކެޓަގަރީގައި 15 ޕެއާ ވާދަކުރާއިރު އަންހެން ޑަބަލްސްގައި 15 ޕެއާ ވާދަކުރެއެވެ. އަދި 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގައި ވެސް 15 ޕެއާ ހިމެނެއެވެ. ސީނިއާ މެންސް އޯޕަން ޑަބަލްސްގައި 27 ޕެއާ ހިމެނޭއިރު އަންހެން ޑަބަލްސްގައި 13 ޕެއާ ހިމެނެއެވެ.
މި އަހަރުގެ މުބާރާތުގައި މުޅިން އަލަށް ރިވައިވަލް ސްޕޯޓްސް އިން ވަނީ ސްޕެޝަލް އޮލިމްޕިކް އެތުލީޓުންނާ ޕެރަލިމްޕިކް އެތުލީޓުންނަށް ފުރުސަތުދީފައެވެ. ސްޕެޝަލް އޮލިމްޕިކް ފިރިހެން ސިންގަލްސް ބައިގައި ނުވަ އެތުލީޓުން ވާދަކުރާއިރު އަންހެން ސިންގަލްސް ބައިގައި ފަސް އެތުލީޓުން ވާދަކުރެއެވެ.
މީގެ އިތުރުން މި މުބާރާތުގެ ސްޕެޝަލް އޮލިމްޕިކްސް ފިރިހެން ޑަބަލްސް ޑިވިޝަނުގައި ދެ އެތުލީޓުން އަންހެން އަންހެން ޑަބަލްސް ކެޓަގަރީގައި ވެސް ދެ ޕެއާ ވާދަކުރެއެވެ.
ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ރިވައިވަލް ސްޕޯޓްސް ފައުންޑަރ، ޒަޔާން ޒަކީ ބުނީ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ޓާގެޓަކީ މުސްތަގްބަލުގައި ވެސް މިފަދަ ގިނަ މުބާރާތްތަކެއް ބޭއްވުން ކަމަށެވެ.
ރިވައިވަލް ސްޕޯޓްސް އަކީ ރާއްޖޭގައި ބެޑްމިންޓަންގެ ހަރަކާތްތައް އެންމެ ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ އެއް އެކަޑަމީއެވެ. ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ރިވައިވަލްގެ އެތުލީޓުން ވާދަކޮށް ގައުމަށް ރީތި ނަން ހޯދައިދީފައިވެއެވެ.