ޚަބަރު

އެމެރިކާގެ މަތިންދާބޯޓު އެކްސިޑެންޓު: އެންމެން މަރު, އަދި ފެނުނީ 28 ހަށިގަނޑު


އެމެރިކަަން އެއާލައިންސްގެ މަތިންދާބޯޓަކާއި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކާ ޖެހި ހިނގި ނުރައްކާތެރި ހާދިޘާގައި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ.


މި ހާދިޘާ ހިނގާފައިވަނީ ރޭގަން ވޮޝިންގޓަން ނެޝަނަލް އެއާޕޯޓަށް ޖައްސަން އައި އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓެއް އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކްސް ހެލިކޮޕްޓަރެއްގައި ވައިގެ ތެރޭގައި ޖެހިގެންނެވެ. އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތައް އެއާޕޯޓު ކައިރީގައި އޮންނަ ޕޮޓޯމެކް ކޯރަށް ވަނީ ވެއްޓިފައެވެ. އެމެރިކަން އެއާލައިންސްއިން ބުނީ، ހާދިސާ ހިނގި ވަގުތު މަތިންދާބޯޓުގައި 60 ފަސަންޖަރުންނާއި ހަތަރު ފަޅުވެރިން ދަތުރުކުރަމުންދިޔަ ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، އެ ބޯޓުގައި ޖެހުނު ހެލިކޮޕްޓަރުގައި ސިފައިންގެ ތިން މީހުން ތިބި ކަމަށެވެ.

ވޮޝިންގޓަން ހިމެނޭ ކޮލަމްބިޔާގެ އަލިފާން ނިއްވާ ޚިދުމަތުގެ އިސް ވެރިޔާ ޖޯން ޑޮނެލީ ވިދާޅުވީ ހާދިޘާގައި އެއްވެސް މީހަކު ސަލާމަތްވި ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. ޕޮޓޯމެކް ކޯރުން މިހާތަށް 28 ހަށިގަނޑު ނަގާފައިވާ ކަމަށާއި ހުރިހާ ހަށިތައް ވީ އެންމެ އަވަހަށް ހޯދައި ޢާއިލާތަކާ ޙަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަރަޙައްދުގެ މޫސުމީ ޙާލަތު ހުރި ގޮތުން މީހުން ހޯދުމުގެ މަސައްކަތުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިއީ 2001 ވަނަ އަހަރުގެ ފަހުން އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ހާދިސާއެވެ. މަތިންދާބޯޓާއި ހެލިކޮޕްޓަރު ޖެހުނު ވަގުތު ވައިގެ ތެރޭގައި ބޮޑު ގޮވުމެއް ގޮވައި، ރޯވެފައި އޮތް މަތިންދާބޯޓު ޕޮޓޯމެކް ކޯރަށް ވެއްޓެންދާ ބައެއް ވީޑިޔޯތައް ވަނީ އާންމުވެފައެވެ. މި ހާދިޘާ ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަހުޤީޤު ފަށާފައިވާއިރު، އެމެރިކާގެ ސީބީއެސް ނިއުސުން ބުނީ މަތިންދާބޯޓުގެ ދެ ކަޅު ފޮށީގެ ތެރެއިން އެއް ކަޅު ފޮށި މިހާތަނަށް ހޯދިފައިވާ ކަމަށެވެ.