މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލު، ގެނެސްފައި ނުވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަންގެ ޓިކެޓުތައް ކުއްލިއަކަށް އަގުބޮޑުވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާއި ގުޅިގެން އެކުންފުނިން ނެރުނު ބަޔާނުގައި ވިދާޅުވީ، މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. ނަމަވެސް ކަސްޓަމަރުންނަށް އަގު ބޮޑުކޮށް އޮންލައިންކޮށް ފެންނަނީ ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
މޯލްޑިވިއަންއިން ވިދާޅުވީ މިމައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
އެކުންފުނިން ވަނީ އެއްވެސް ކަސްޓަމަރަކަށް ޓިކެޓު ނެގުމުގައި އެއްވެސް މައްސަލައެއެއް ކުރިމަތިވާނަމަ، އެކުންފުނީގެ ކޯލް ސެންޓަރ 1671 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.
މޯލްޑިވިއަން ވަނީ އެކުންފުނީގެ ޓިކެޓުތަކަކީ ބާޒާރުގައި މިވަގުތު ހުރި އަގުތަކަށް ބަލައި، ވީ އެންމެ ބޮޑަކަށް ރައްޔިތުންނަށް ދަތިނުވާ ގޮތަށް ކަނޑައަޅާފައިވާ އަގުތައް ކަމަށް ވިދާޅުވެފައެވެ. އަދި ދުރާލާ ޓިކެޓުތައް ނެގުމަށް އެކުންފުނިން އިލްތިމާސްކުރެއެވެ. އެކުންފުނިން ދުރާލާ ޓިކެޓުތައް ނަގާ ފަރާތްތަކަށް އަގުހެޔޮ ފެއަރތައް ދެއެވެ.