ޚަބަރު

ދިރާގަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 945 މިލިޔަން ރުފިޔާ


  • ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުން

  • މޯބައިލް ޚިދުމަތްތަކުން 1.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައި

  • ފިކްސްޑް، ބްރޯންޑްބޭންޑު އަދި އެންޓަޕްރައިސްއިން 1.23 ބިލިޔަން ރުފިޔާ ލިބިފައިވޭ

  • އާމްދަނީގެ ގޮތުގައި ދިރާގަށް މިދިޔަ އަހަރު ލިބިފައިވަނީ 2.8 ބިލިޔަން ރުފިޔާ

މިދިޔަ އަހަރު ސާފުފައިދާގެ ގޮތުގައި ދިރާގަށް 945 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ދިރާގުން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުގައި 2024 ވަނަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 945 މިލިޔަން ރުފިޔާ ލިބިފައިވާއިރު މި އަދަދަކީ 2023 ވަނަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 896 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 5.6 އިންސައްތަ އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. ދިރާގުން އާއްމުކޮށްފައިވާ 2024 ވަނަ އަހަރުގެ މާލީ ރިޕޯޓުގައިވާގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުނިން ވަނީ 1.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މިދިޔަ އަހަރު މޯބައިލް ޚިދުމަތްތަކުން އެކުންފުންޏަށް ލިބިފައިވަނީ 1.4 ބިލިޔަން ރުފިޔާއެވެ.

ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީއަށްވެސް ނިމިދިޔަ އަހަރުގައިވަނީ ކުރިއެރުން ލިބިފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 1.23 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި 2023 ވަނަ އަހަރު ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 1.18 ބިލިޔަން ރުފިޔާއެވެ.

މިއާއެކު، ނިމިދިޔަ 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ދިރާގަށް 2.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މި އަދަދަކީ 2023 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެގޮތުގައި ލިބުނު 2.6 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 7.7 އިންސައްތަ އިތުރު އަދަދެކެވެ.

ދިރާގުގެ މާލީ ހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ލިބިފައިވާ ސާފު ފައިދާއަކީ 1.10 ބިލިޔަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 4.8 އިންސައްތަ އިތުރު އަދަދެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 946 މިލިޔަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ދިރާގުގެ މާލީ ތަފާސްހިސާބުތަކަށް ބަލާލާއިރު، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި އެކުއާޓަރުގައި 710 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަހަރުގެ ތިންވަނަ ކުއާޓަރުގައި މި އަދަދު ހުރީ 691 މިލިޔަން ރުފިޔާގައެވެ. އެހެންކަމުން މިއީ 2.7 އިންސައްތައިގެ އިތުރުވުމެކެވެ.

ޓެކްސްއަށް ކެނޑުމަށްފަހުގައި ދިރާގަށް ހަތަރުވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 246 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 241 މިލިޔަން ރުފިޔާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައެވެ.