ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސާއި ޔަހޫދީ ދައުލަތާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ ޤައިދީން އަނެއްކާ ވެސް މިނިވަން ކޮށްފި އެވެ.
ޔަހޫދީންނާއި ޣައްޒާގައި ވެރިކަން ކުރާ ޙަމާސާ ދެމެދު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކޮށް, އެ އެއްބަސްވުން ތަންފީޒު ކުރީ ޖަނަވަރީ މަހުގެ 19ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން އަސީރުން ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ. ކޮންމެ މަރުޙަލާއެއް ވެސް 42 ދުވަހަށް ދެމިގެން ދާނެއެވެ. ފުރަތަމަ މަރުަޙަލާގައި ޙަމާސުން ޖުމްލަ 33 އަސީރުން ދޫކޮށްލުމަށް ހަމަޖެހިފައިވެއެވެ. މި މަރުޙަލާގައި ދޫކުރާނީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އޭގެ ބަދަލުގައި 2,000އަށް ވުރެ ޤައިދީން ޔަހޫދީން މިނިވަން ކުރާނެއެވެ.
މީގެ ކުރިން މި އެއްބަސްވުމުގެ ދަށުން ތިން ފަހަރެއްގެ މަތިން ފަލަސްޠީނުގެ 400 ޤައިދީން ވަނީ މިނިވަން ކޮށްފައެވެ. އެއީ ޙަމާސުން ރަހީނު ކޮށްފައިވާ 16 ޔަހޫދީއެއްގެ ބަދަލުގައެވެ. ތިންވަނަ ބުރަކަށް އަސީރުން ބަދަލު ކުރިތާ ދެ ދުވަސް ފަހުން އަނެއްކާ ވެސް މި ވަނީ އަސީރުން ބަދަލު ކޮށްފައެވެ. އެގޮތުން ހަތަރުވަނަ ބުރުގައި ޙަމާސުން ވަނީ ދެ ފަހަރެއްގެ މަތިން ޔަހޫދީގެ ތިން މީހުން މިނިވަން ކޮށްފައެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނަށް ނިޞްބަތްވާ 183 ޤައިދީން ވަނީ މިނިވަން ކޮށްފައެވެ. އެއާއެކު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް މިނިވަން ކުރި ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 583އަށް އިތުރުވެފައެވެ.
ހަތަރުވަނަ ބުރުގައި ޙަމާސުން ފުރަތަމަ މިނިވަން ކުރީ ޔަހޫދީ ދައުލަތަލަށް ނިޞްބަތްވާ މީހަކާއި ފަރަންސޭސިވިލާތާއި ޔަހޫދީ ދައުލަތާއި ދެ ތަނުގެ ރަށްވެހިކަން އޮންނަ މީހެކެވެ. އެއްބަސްވުމާ އެއްގޮތަށް އެ މީހުން ރެޑު ކުރޮހާ ޙަވާލު ކޮށްފައި ވަނީ ޣައްޒާގެ ޚާން ޔޫނިސްގައެެވެ. ތިން ވަނަ އަސީރުގެ ގޮތުގައި މިނިވަން ކޮށްފައި ވަނީ ޔަހޫދީ ދައުލަތާއި އެމެރިކާއާ ދެ ތަނުގެ ރަށްވެހިކަން އޮންނަ މީހެކެވެ. އޭނާ ރެޑުކުރޮހާ ޙަވާލު ކޮށްފައި ވަނީ ޣަައްޒާގެ އުތުރުގެ ސަރަޙައްދަކުންނެވެ.
އެންމެ ފަހުން ދޫކޮށްލި ފަލަސްޠީނަށް ނިޞްބަތްވާ ޤައިދީންގެ ތެރެއިން 73 މީހުންނަކީ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހުންނާއި އުމުރަށް ޖަލަށް ލާފައިވާ މީހުންނެވެ. ޖަލުން މިނިވަން ކުރި ފަލަސްޠީނުގެ ރައްޔިތުން ހުޅަނގު އައްސޭރީގައި އޮންނަ ރާމަاللهއަށް ފޯރުމުން ފަލަސްޠީނުގެ ރައްޔިތުން ވަނީ އެ މީހުންނަށް ކުލަގަދަ ކޮށް މަރުޙަބާ ކިޔައި އުފާ ފާޅު ކޮށްފައެވެ.
އެންމެ ފަހުން މިނިވަން ކުރި ޤައިދީންގެ ތެރެއިން 111 މީހުންނަކީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ފަހުން ހައްޔަރު ކޮށްފައިވާ މީހުންނެވެ. އޭގެ ތެެރެއިން 7 މީހުން ފިޔަވައި އެންމެން ވެސް ގެންގޮސްފައި ވަނީ ޣައްޒާއަށެވެ. ބާކީ ތިބި މީހުން ގެންގޮސްފައި ވަނީ މިޞްރަށެވެ.