ހިނގަމުންދާ 2025ވަނަ އަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި ހަނގުރާމަވެރި ޖަމާޢަތްތަކުން ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި ދީފައިވާ ޙަމަލާތައް ބޮޑުތަނުން އިތުރު ވެއްޖެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕާކިސްތާނުގައި ދެމުންދާ އެ ފަދަ ޙަމަލާތައް މިދިޔަ އަހަރާ އަޅާ ބަލާއިރު ވަނީ 42 އިންސައްތަ އިތުރުވެފައެވެ.
ހުސްވި ޖަނަވަރީ މަސް ނިމިގެން ދިޔައީ ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ޕްރޮވިންސެއް ކަމަށްވާ ބަލޮޗިސްތާނުގައި ދިން އެފަދަ ޙަމަލާއަކުންނެވެ. ބަލޮޗިސްތާނަކީ އީރާނާއި އަފްޣާނިސްތާނާ އިންވެގެން އޮންނަ މައުދަން މުއްސަނދި ޕްރޮވިންސެކެވެ. އެ ސަރަޙައްދުގައި ގިނަ ހަނގުރާމަވެރި ޖަމާޢަތްތަކެއް ޙަރަކާތްތެރި ވާތީ އެއީ ވަރަށް ހަލަބޮލި ސަރަޙައްދެކެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ ބަލޮޗިސްތާނުގެ ބައެއް މަގުތައް ބަންދު ކުރުމަށް ހަތިޔާރު އެޅި ހަނގުރާމަވެރިންތަކެއް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ސަލާމަތީ ބާރުތަކުން އެ ކަމަށް ހުރަސް އެޅުމަށް ކުރި މަސައްކަތުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގަައި ސިފައިންނާއި ހަނގުރާމަވެރިން ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. އެ ގޮތުން 24 ހަނގުރާމަވެރިންނާއި 18 ސިފައިން މަރުވެފައިވާ ކަމަށް އަސްކަރިއްޔާއިން ކަށަވަރު ކޮށްދެއެވެ. އެއީ ކޮން ޖަމާޢަތަކުން ދިން ޙަމަލާއެއް ކަމެއް ސާފެއް ނުުވެއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ވެސް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން ވަނީ ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ހުރި ސަލާމަތީ މަޤާމަކަށް ޙަމަލާއެއް ދިނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ކާމިޔާބު ކަމާއެކު އެ ޙަމަލާ ހުއްޓުވާފައެވެ. ހުސްވި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވެސް ހަނގުރާމަވެރި ޖަމާޢަތަކުން ބަލޮޗިސްތާނުގެ ފުލުހުންގެ އިދާރާތަކަށާއި ރޭލު ދުއްވާ މަގުތަކަށާއި ހައިވޭތަކަށް ދިން ޙަމަލާތަކެއްގައި 73 މީހުން ވަނީ މަރުވެފައެވެ.
ޕާކިސްތާނު އިންސްޓިޓިއުޓް ފޮރ ކޮންފްލިކްޓް އެންޑް ސެކިއުރިޓީ ސްޓަޑީސް (ޕީއައިސީއެސްއެސް)ން ބުނީ ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަވެރި ޖަމާޢަތްތަކުން ޖުމްލަ 74 ޙަމަލާ ދީފައިވާ ކަމަށެވެ. އެ ޙަމަލާތަކުގެ ސަބަބުން 240 މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ސަލާމަތީ ބާރުތަކަށް ނިޞްބަތްވާ 35 އޮފިސަރުންނާއި ޢާންމުންގެ 20 މީހުންނާއި ނިރުބަވެރިންކަމަށް ތުހުމަތު ކުރެވޭ 185 މީހުން ހިމެނެއެވެ. އޭގެ އިތުރުން 117 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ވެފައިވާ ކަމަށް ވެސް ޕީއައިސީއެސްއެސުން ވަނީ ފާހަގަ ކޮށްފައެވެ.