ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ގެދޮރުން ނެރެ، ވަޒަނުން ބޭލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ޢަރަބި ޤައުމުތަކުން ދެކޮޅު ހަދައިފިއެވެ. ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭލުމަށް ހުށަހަޅައި، ޓްރަމްޕް ވަނީ މިޞްރާއި އުރުދުނަށް އެ މީހުން ގެންދިޔުމަށް އެ ޤައުމުތަކަށް ގޮވައިލައްވާފައެވެ. ނަމަވެެސް، އެ ހުށަހެޅުމާ ދެކޮޅަށް ޢަރަބި ޤައުމުތަކުން ތެދުވެ، މި ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ.
ޢަރަބި ޤައުމުތަކުގެ ނިންމުން ހާމަ ކޮށްފައި ވަނީ މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި ޢަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށް ފަހުގައެވެ. އެ ބައްދަލުވުމުގައި މިޞްރާއި، އުރުދުނާއި، ސަޢޫދީ ޢަރަބިއްޔާއާއި، ޤަޠަރާއި، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ އިތުރުން ފަލަސްޠީނާއި ޢަރަބި ލީގުގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
"އެމެރިކާގެ ރައީސުންނަކީ [އެއްވެސް ނިޔަތެއް ނެތި] ރަޙުމަތްތެރި ކަމުގެ ގުޅުން ބަދަހި ކުރަން ރަސްރަސްކަލުންނާއި ރައީސުންނަށް ފޯނުން ގުޅުއްވާ އުޅޭ ބޭފުޅުންނެއް ނޫން،"މީރިތު މަބްރޫކު، މެދުއިރުމަތީގެ މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް
ޢަރަބި ޤައުމުތަކުން ބުނީ، ފަލަސްޠީނުގެ ރައްޔިތުން ވަޒަނުން އެ މީހުން ގަދަބާރުން ބޭރު ކުރުމަކީ ސަރަޙައްދީ ހަމަޖެހުމާއި ސުލްޙައަށް އޮތް ނުރައްކަލެއް ކަމުގައެވެ. އަދި، އެ ފަދަ ނިންމުމެއްގެ ސަބަބުން ސަރަޙައްދީ ހަމަނުޖެހުންގަނޑެއް ފެށި، ސުލްޙަ ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ހީނަރުކަން އަންނާނެ ކަމުގައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، އެ މީހުންގެ ގެދޮރާއި ވަޒަނުން ބޭލުމާ ދެކޮޅު ކަން ވެސް ޢަރަބި ޤައުމުތަކުން ހާމަކުރިއެވެ.
"[ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން] ވަޒަންވެރި ކުރުވުން، [ފަލަސްޠީނުގެ ރައްޔިތުން] ގެދޮރުން ނެރުން، އަދި އެ މީހުންގެ ބިންތައް ފޭރިގަތުން ފަދަ ޖަރީމާތައް ހިންގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ފުރުޞަތު ދިނުމަށް އަޅުގަނޑުމެން އިންކާރު ކުރަން، އެއީ އެއްވެސް ހާލެއްގައި ކުރެވިގެންވާނެ ކަމެއް ނޫން،" ޤާހިރާގައި ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ނަމަވެސް، ޔަހޫދީން ފޭރިގަނެފައިވާ ފަލަސްޠީނުގެ ބިމުގައި މުސްލިމުންނާއި ޒަޔަނިސްޓުންގެ ދެ ދައުލަތް ޤާއިމު ކޮށް، މެދުއިރުމަތީގައި ސުލްޙަ ޤާއިމު ކުރުމަށް ޓްރަމްޕްގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމުގައި ޢަރަބި ޤައުމުތަކުން ހާމަކުރިއެވެ.
ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ބޭލުމަށް ޓްރަމްޕް ގޮވައިލައްވާފައި ވަނީ ހުސްވި ހަފުތާގެ ތެރޭގައެވެ. ޣައްޒާއަކީ ސުންނާފަތިވެފައިވާ ބިމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. ޣައްޒާ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައި ވަނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ފާއިތުވި 15 މަހެއްހާ ދުވަހު ޔަހޫދީ ފައުޖުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިންނެވެ. އެ ޤަތުލުޢާންމު ހިންގުމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ، އަދި ބައިވެރިއަކީ އެމެރިކާއެވެ. ޣައްޒާ ސުންނާފަތި ކޮށްލާފައި ވަނީ އެމެރިކާއިން ފޯރުކޮށްދެމުން ދިޔަ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ.
ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އޭގެ ތެރެއިން ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު މިޞްރާއި އުރުދުނަށް ގެންދިޔުމަށް ގޮވައިލައްވައި، ޓްރަމްޕް ވަނީ އުރުދުންގެ ރަސްގެފާނު ޢަބްދުالله (ދެވަނަ)އާއި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީއަށް ފޯނުން ގުޅުއްވައި ބާރުއަޅުއްވާފައެވެ.
މިޑްލް އީސްޓް އިންސްޓިޓިއުޓްގައި މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ މީރިތު މަބްރޫކު ވިދާޅުވީ، ޣައްޒާ ހުސް ކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ނިޔަތް އެ މަޝްވަރާތަކުން ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. "އެމެރިކާގެ ރައީސުންނަކީ [އެއްވެސް ނިޔަތެއް ނެތި] ރަޙުމަތްތެރި ކަމުގެ ގުޅުން ބަދަހި ކުރަން ރަސްރަސްކަލުންނާއި ރައީސުންނަށް ފޯނުން ގުޅުއްވާ އުޅޭ ބޭފުޅުންނެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ގޮވައިލެއްވުމާ އެކު ޒަޔަނިސްޓު އިސްރާއީލުން ޣައްޒާ މެދު ގެންގުޅޭ ޒަމާންވީ ވިސްނުން ހާމަވެގެން ގޮސްފައިވާ ކަން ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރިއެވެ. ޣައްޒާގެ ބިންތައް ފޭރިގަތުމަކީ ހައްދުފަހަނަ އެޅި ޔަހޫދީންގެ ބޭނުމެކެވެ. އަދި، އެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ހައްދުފަހަނަ އެޅި ޔަހޫދީން ދަނީ ބާރު އަޅަމުންނެވެ.
"މިއީ މީގެ އެތަކެއް ދަހަރެއް ކުރިން ޔަހޫދީން ރާވާފައިވާ ރޭވުމެއް. އެއީ، ފަލަސްޠީނުގެ ރައްޔިތުން [އެ މީހުންގެ ވަޒަނުން] ބޭރު ކުރުން، އެއިރުން ހުރިހާ ފައިދާއެއް އޮތީ އިސްރާއީލަށް. ހައްދުފަހަނަ އެޅި ޔަހޫދީން ޤަބޫލު ކުރާ ގޮތުގައި ހުޅަނގު އައްސޭރިއަކީ ވެސް އެ މީހުންގެ މިލްކެއް،" މަބްރޫކު ވިދާޅުވިއެވެ.