ޚަބަރު

އުފެއްދުންތެރިކަމުގެ މަޢުރަޒަށް ޚާއްސަ ޓިކްޓޮކް ޗެލެންޖެއް: މުޅި ޗެލެންޖުން ހޮވޭ ފަރާތަކަށް 15000ރ


  • ކޮންމެ މަހަކު އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާގެ އިނާމެއް ދޭނެ

  • ޗެލެންޖު ކުރިއަށްދާނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާ ހަމައަށް

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025އަށް ޚާއްޞަކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ.

މިޗެލެންޖް ފަށާފައިވަނީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ޗެލެންޖް ކުރިއަށްދާނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.

ބީސީސީން ވިދާޅުވީ މިޗެލެންޖުގައި ކޮންމެ މަހަކު އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި، ޗެލެންޖުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު ހޮވޭ ފަރާތަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 15000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އިނާމް ލިބޭ ފަރާތްތައް ކަނޑައަޅާނީ އުފެއްދުންތެރިކަމަށާއި އަމިއްލަވަންތަކަން އަދި ކޮންޓެންޓަށާއި އެންމެ ގިނަ ލައިކް އަދި ޝެއަރ ލިބޭ ފަރާތްތައް ބެލުމަށްފަހުގައި ކަމަށް ބީސީސީން ވިދާޅުވެއެވެ.

ބީސީސީން ވިދާޅުވީ، މި ޗެލެންޖުގައި ބައިވެރިކުރާ ވީޑިއޯތައް ވާންޖެހޭނީ ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިސްތިހާރުކޮށް މައުރަޒަށް ޒިޔާރަތްކުރުމަށް ބާރުއަޅާ ވީޑިއޯއަކަށްކަމަށެވެ.

އުފެއްދުންތެރިކަމުގެ މަޢުރަޒަށް ޚާއްސަ ޓިކްޓޮކް ޗެލެންޖްގައި މާކްސް ދޭނެގޮތް

• އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަން: %40
• ވީޑިއޯގެ ކޮންޓެންޓް: %30
• އެންމެ އެންގޭޖްމަންޓް ގިނަ ވީޑިއޯ (ލައިކް، ޝެއަރ އަދި ކޮމެންޓް): 30%

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބާއްވާ ޚާއްޞަ މައުރަޒެކެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ވާދަވެރި ގޮތެއްގައި ބާއްވާ މިމައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ދާނެކަން ބިޒްނަސް ސެންޓަރ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.