ޚަބަރު

މާލޭގެ ކެފޭތަކުން ވިސާ ނެތް 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް


  • މާލޭގެ 4 ކެފޭއް ވަނީ ބަލާފައި

  • ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ ތަންތަން ބެލުމަށް އިމިގްރޭޝަނުން ތަންތަން ރެއިޑްކުރޭ

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މާލޭގައި ހިންގަމުންދާ ކެފޭތައް ބަލާ ފާސްކޮށް، ވިސާ ނެތް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ބިދޭސީން ގެންގޮސްފައިވަނީ، އިމިގްރޭޝަނުން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިންނެވެ.

އެގޮތުން މާލޭގެ 4 ކެފޭއް ބަލާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މިތަންތަން ބަލައި މިތަންތަނުގައި މަސައްކަތް ކުރާ ބިދޭސީންނަކީ ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ބައެއްތޯ ކަށަވަރުކުރުމުގެ މަސައްކަތުގެ ތެރެއިން ވިސާނެތް 3 ބިދޭސީއެއް ފެނިފައިވެއެވެ. މި 3 މީހުންވެސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤަވާއިދުން ރެއިޑް އޮޕަރޭޝަންތައް ހިންގަމުންދާއިރު، އެކި ސަބަބުތަކާއި ހެދި ޤަވާއިދުން ބޭރުފައިވާ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތުވެސް ދަނީ ފަހިކޮށްދެމުންނެވެ.

ސަރުކާރުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބިދޭސީންގެ ބަޔޮމެޓްރިކްސް ނަގާ ރާއްޖޭގެ އުޅެމުންދާ ބިދޭސީންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.