މިދިޔަ އަހަރު ދައުލަތުގެ ޓެކްސް އާމްދަނީ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޕޯޓަކުން ދައްކައިފިއެވެ. އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ޓެކްސް އާންދަނީ ވަނީ %6.7 އިތުރުވެފައެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން 2023 ވަނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 24 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. 2024 ވަނަ އަހަރު ލިބިފައިވަނީ 25.1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %6.7 އިތުރުވުމެކެވެ.
މި ރިޕޯޓުން ދައްކާގޮތުން މައިގަނޑު ހުރިހައި ޓެކްސްއަކުންވެސް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީއިން 2023 ވަނަ އަހަރު ދައުލަތައް ލިބިފައިވަނީ 8.7 ބިލިޔަން ރުފިޔާއެވެ. 2024 ވަނަ އަހަރު މި އަދަދު ވަނީ 9 ބިލިޔަނަށް އިތުރުވެފައެވެ.
ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެން ދާއިރާތަކުގެ ޖީއެސްޓީގެ ގޮތުގައި 2023 ވަނަ އަހަރު ލިބިފައިވަނީ 4.4 ބިލިޔަން ރުފިޔާއެވެ. 2024 ވަނަ އަހަރު މި އަދަދު ހުރީ 4.7 ބިލިޔަނުގައެވެ.
އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 2023 ވަނަ އަހަރު ލިބިފައިވަނީ 988 މިލިޔަން ރުފިޔާއެވެ. 2024 ވަނަ އަހަރު މި އަދަދު ވަނީ 1 ބިލިޔަނަށް އިތުރުވެފައެވެ.
ބޭންކް ޕްރޮފިޓް ޓެކްސް ނުވަތަ ބީޕީޓީގެ ގޮތުގައި 2023 ވަނަ އަހަރު ލިބިފައިވަނީ 967 މިލިޔަން ރުފިޔާއެވެ. 2024 ވަނަ އަހަރު ބީޕީޓީގެ ގޮތުގައި ލިބިފައިވަނީ 1.4 ބިލިޔަން ރުފިޔާއެވެ.
ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 2023 ވަނަ އަހަރު 3.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު 2024 ވަނަ އަހަރު ލިބިފައިވަނީ 4.1 ބިލިޔަން ރުފިޔާއެވެ.
ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 999 މިލިޔަން ރުފިޔާއެވެ. އަދި މިދިޔަ އަހަރު މި އަދަދު ވަނީ 1 ބިލިޔަނަށް އިތުރުވެފައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
އިންކަމް ޓެކްސްގެ ގޮތުގައި 2023 ވަނަ އަހަރު 358 މިލިޔަން ރުފިޔާ ލިބުނު އިރު 2024 ވަނަ އަހަރު އާމްދަނީން ލިބޭ ޓެކްސް ނުވަތަ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 390 މިލިޔަން ރުފިޔާއެވެ.
ޓެކްސް ދައްކަންޖެހޭ ފަރާތްތަކަކީ ޤަވައިދުން މީރާއަށް ޓެކްސް ދައްކަމުންދާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށް މީރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ޓެކްސް ނުދައްކާ ފަރާތެއްގެ އެކައުންޓުގައި ހުރި ފައިސާ ވަކި ޝަރުތުތަކާއެކު ހިފެހެއްޓުމުގެ ބާރު މީރާއަށް ލިބެއެވެ.
މީގެ ކުރިން ފިޔަވަޅު އެޅޭނީ ޓެކްސްފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ 60 ދުވަސް ފާއިތުވުމަށްފަހުއެވެ. ނަމަވެސް އެ އުސޫލަށް މިހާރު އަލަށް ގެނައި އިސްލާހުގައި އެ ފަރާތްތަކަށް ދޭން ޖެހޭ ނޯޓިސްތައް ދިނުމަށް ފަހު ވަގުތުން މީރާއަށް ފިޔަވަޅު އެޅޭނެއެވެ.