ޚަބަރު

ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ޖަޕާނު ސަފީރުދެއްވީ ގާތުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން


  • މިބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ޚާރިޖީ ވަޒީރު ފާހަގަކުރެއްވި

  • ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1967ވަނަ އަހަރު

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު އިޝިގާމީ ރުމީކޯއާ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައްދަލުކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި އޮތް މިބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ސަފީރު އިޝިގާމީ ރުމީކޯއަށް މަރުހަބާ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި ޖަޕާނު ސަރުކާރުން ދިވެހިންނަށް ވެދޭ އެހީތެރިކަމަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ. އެގޮތުން ޖަޕާނު ސަރުކާރުގެ އޮފިޝަލް ޑިވެލޮޕްމަންޓް ޕްރޮގުރާމުގެ ދަށުން ދީފައިވާ އެހީތަކާއި ދިވެހިންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމަށް ޖަޕާނު ސަރުކާރުން ވެދީފައިވާ މުހިންމު އެހީތައް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޖަޕާން ސަފީރުވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އެކި ދާއިރާތަކުގެ ކުރިއެރުމަށް ރައްޔިތުންނާއި ދިވެހި ސަރުކާރާ ގާތުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާއާއި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއް ސަމަދުގެ އިތުރުން ސެކްރެޓަރީ ބައިލެޓެރަލް ޑރ. ޙާލާ ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1967ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14ވަނަ ދުވަހުއެވެ.