ޚަބަރު

ގޭތެރެ ސާފުކުރާއިރު އުފެދޭ ކުނި މަގުމަށްޗަށް ނުނެރުމަށް އިލްތިމާސްކޮށްފި


  • މިއީ ޞިއްޙީ ގޮތުން ބޮޑު މައްސަލަތަކެއް ކުރިމަތިވެދާނެކަމެއް

  • ދުރާލާ ކުނި އުކާލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިލްތިމާސްކުރެއްވި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް މަގުމައްޗަށް ކުނި ނެރެމުންދާކަން ފާހަގަކުރެވޭ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން، އޭޖެންސީ އިލްތިމާސްކުރައްވައިފިއެވެ.

އީޕީއޭއިން ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންވެސް ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދޭކަމަށާއި، މިގޮތުން އުފެދޭ ކުނި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިހާރަކަށް އައިސް އާންމުކޮށް ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަ ކަމަށް އީޕީއޭއިން ވަނީ ފާހަގަކުރައްވައެވެ.

އެ އެޖެންސީއިން ވިދާޅުވީ މިކަމުގެ ސަބަބުން މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޮޑެތި ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށްވެސް އީޕީއޭއިން ވިދާޅުވިއެވެ.

މަގުމައްޗަށާއި ހުސްކޮށްހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށާއި، އަދި ރޯދަމަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ރަށްރަށުގައި ނަމަ، އެރަށެއްގައި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަކާއި އަދި ސިޓީތަކުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅައިގެން ހަމަޖެއްސުމަށް އީޕީއޭ އިން އެދިވަޑައިގަންނަވައެވެ.

މީގެ އިތުރުން އީޕީއޭއިން ވަނީ ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެފަދަ ގޮތަކަށް، ކުނި ގެންގުޅުމާއި ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ. އަދި ކުނި މެނޭޖުކުރުމާއިބެހޭ ޤާނޫނާއި އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި މަގުތަކާއި، އާންމު ސަރަހައްދުތަކަށް ކުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް އީޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ގޭބިސީތައް ސާފުކުރުމަށްފަހު އުފެދޭ ބޮޑެތި ކުނި މަގުމައްޗަށް އުކާލާ މައްސަލަ ބޮޑުވެއެވެ. މިގޮތަށް ކުނި އުކާލާ ފަރާތްތަކާމެދު ފިޔަވަޅުވެސް އަޅައެވެ.