ޚަބަރު

މަޝްޢަރު ޤްރޫޕުގެ ވެރިޔާގެ މައްޗަށް މަނީ ލޯންޑަރިންގެ ދަޢުވާ އުފުލައިފި


  • އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލި

  • އެއީ މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއާއި ޓެކުމުގެ ކުށުގެ ދަޢުވާ

  • އޭނާ ފައިސާ ބޭނުންކޯށްފައިވާކަމަށް ތުހުމަތުކުރޭ

ޢުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަޝްޢަރު ޓުއާސްގެ ވެރިޔާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މަޝްޢަރު ޓުއަރސްގެ ވެރިޔާ މ. ހަވީރީފިނި، ޢަލީ ފާރިޝް މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ. މަޝްޢަރު ޓުއަރސްއަކީ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫފު ހިންގާ އަލް-މަޝްޢަރު ޕްރައިވެޓްގެ ދަށުން ހިންގަމުން އައި ޓްރެވެލް އެޖެންސީއެކެވެ.

މިމައްސަލަ މިދިޔަ އަހަރު ފެންމަތިވީ، އަލްމަޝްޢަރު ޓުއާސްއިން އުމްރާއަށް މީހުން ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކްތަކެއް ބައުންސްވުމުންނެވެ. އެ މައްސަލާގައި ފުލުހުންގެ ތަހުޤީޤު ނިންމާފައި މިދިޔަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ.

މިމައްސަލައިގެ ދައުވާ އުފާލާފައިވަނީ ޢަލީ ފާރިޝްގެ ނަންމަތީ ރެޖިސްޓްރީކޮށްފައިވާ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ޢުމްރާއަށް މީހުން ގެންދާނެކަމަށް ބުނެ ފައިސާ ނެގި މައްސަލާގައެވެ. އޭގެ ތެރެއިން ބައެއް މީހުން އުމްރާއަށް ގެންގޮސްފައި ނުވާއިރު، އަނެއްބައި މީހުން ޢުމްރާއަށް ގެންދިއުމަށްފަހު އަޅާނުލުމުގެ ސަބަބުން ހާލުގައި ޖެހުނެވެ.

މިމައްސަލައިގައި ދައުލަތުން ޢަލީ ފާރިޝްގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެކުމުގެ ކުށުގެ ދައުވާއާއި ލޯންޑްރިންގެ ކުށުގެ ދަޢުވާއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ އޭނާގެ މައްޗަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުކުރެވޭ ފައިސާގެ ޢަދަދު ތިންލައްކަ ނުވަދިހަ އެއްހާސް ހަތް ދިހަ ދެ ރުފިޔާއާއި އަށްހާސް އެއް ސަތޭކަ އެމެރިކާ ޑޮލަރަށް އަރާކަމަށެވެ. އޭނާގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން ޓެކުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިންނެވެ. މީގެ ތެރޭގައި ގްރޫޕެއް ގޮތުގައި ޢުމްރާއަށް ދިއުމަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނެއެވެ. މިއާއެކު ޓެކުމުގެ 6 ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްޢަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕަށް 2024 ވަނަ އަހަރު ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު ޢުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނަގައި، އެ ފައިސާ ޓެކުމަކުން އެމީހުން އަތުން ނިގުޅައިގަނެފައިވާތީއެވެ. އަދި އެ ފައިސާ، ޢަލީ ފާރިޝްގެ އަމިއްލަ އެކައުންޓުތަކާއި، އޭނާގެ ޙިއްސާ އޮންނަ ޓްރިއަރ ޕްރައިވެޓް ލިމިޓެޑްއާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑަރކޮށްފައިވާކަމަށްވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާގައިވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މި މައްސަލައަކީ ތަޙުޤީޤު ހިނގަމުންދާ މައްސަލައަކށްވާތީ، ޢަލީ ފާރިޝްގެ މައްޗަށް ތުހުމަތުކުރެވޭ މަޝްޢަރު ޕްރައިވެޓް ލިމިޓެޑުން ޢުމްރާއަށް ގެންދިއުމަށް މީހުން ގެންދިއުމަށްފަހު، އެމީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، އެމީހުންގެ ފައިސާއަށް ޚިޔާނާތްތެރިވިބައިގެ ތަޙުޤީޤު ނިންމައި އެ އޮފީހަށް ހުށަހެޅުމުން، އެ ބައިގައި ޢަލީ ފާރިޝްގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށެވެ.

މަޝްޢަރު ޓުއާސްގެ ވެރިޔާގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮވެ، ބަޔަކު އުމްރާއަށް ގެންގޮސް ހާލުގައި ޖެއްސުވި އެހެން މައްސަލައެއް ވެސް ފެންމަތިވިއެވެ. އެއީ އަލް-ހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޑެޓުގެ ހަވާލުގައި އުމްރާއަށް ގެންދިޔަ މީހުންނެވެ. އެ ޤުރޫޕާ މެދު މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ.