ފަލަސްޠީނުގެ ޣައްޒާ ފޭރިގަނެ، ގަދަ ބާރުން ފަލަސްޠީނުގެ ރައްޔިތުން އަމިއްލަ ވަޒަނުން ބާލައި، އެއީ އެމެރިކާގެ މިލްކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވުމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ނަމަވެސް، ޓްރަމްޕްގެ ހުށަހެޅުން ދިފާޢު ކުރުމަށް އޭނާގެ މުޝީރުންނާއި ސަރުކާރުގެ ވެރިން ވަނީ ތެދުވެފައެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި، އެ ތަން ތަރައްޤީކޮށް، އެ ތަނުން އިޤުތިޞާދީ ނަފާ ހޯދަން ބޭނުންވާ ކަމުގައެވެ.
ޓްރަމްޕްގެ ހުށަހެޅުމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އެކުވެރިންނާއި ހަތުރުން ވެސް ހިމެނެވެ. އެ ހުށަހެޅުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ އެމެރިކާގެ މިތުރުންގެ ތެރޭގައި ޖަރުމަނުވިލާތް ހިމެނެއެވެ. އަދި، ހަތުރުންގެ ތެރޭގައި ރަޝިޔާއާއި ޗައިނާ ހިމެނެއެވެ. މެދުއިރުމަތީގެ ނުފޫޒު ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ސަޢޫދީ ޢަރަބިއްޔާއިން ވެސް ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ.
ޖަރުމަނުވިލާތާއި ޗައިނާ އަދި ރަޝިޔާއިން ބުނީ، ޓްރަމްޕްގެ ހުށަހެޅުމާ އެކު، އެމެރިކާއަށް އޮތް ނަފުރަތު އެތަކެއް ގުނައަކަށް އިތުރުވެގެން ދާނެ ކަމުގައެވެ. އަދި، އެތަކެއް ސަތޭކަ ހާސް ބަޔަކު އަނިޔާއަށް ހުށަހެޅިގެންދާނެ ކަމުގައެވެ. ނަމަވެސް، ޓްރަމްޕްގެ ހުށަހެޅުމާ މެދު އުފާ ކުރާ ހަމައެކަނި މީހަކީ ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ.
އެމެރިކާގެ ރިޔާސަތާ ދެވަނަ ދައުރަކަށް ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު ދެ ހަފުތާ ވެސް ނުވަނިސް ޓްރަމްޕް މި ވަނީ އެމެރިކާއިން ޒަމާންތަކެއް ވަންދެން އަމަލު ކުރަމުން ދިޔަ ޚާރިޖީ ސިޔާސަތު މުގުރައިލައްވާފައެވެ. ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި، އެ ބިން ފޭރިގަންނާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތަ ވަގުތީ ގޮތުން މެދުކަނޑައިލާފައިވާ ދަނޑިވަޅެއްގައެވެ.
2023 އޮކްޓޫބަރު 7ވަނަ ދުވަހުން ފެށިގެން ހިންގަމުން ދިޔަ ޖަރީމާތައް މެދުކަނޑައިލާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ފުރަތަމަ މަރުޙަލާގެ ދަށުންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,000ށް އަރާ ކަމުގައި ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ހާމަކުރިއެވެ.
ޓްރަމްޕްގެ ހުށަހެޅުމަށް ފާޑުވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގައި އޭނާގެ ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާ ބައެއް މުހިންމު، އަދި ފާހަގަކޮށްލެވޭ މެންބަރުން ވެސް ހިމެނެއެވެ. "އަޅުގަނޑަށް ޤަބޫލު ކުރެވުނު ގޮތުގައި އަޅުގަނޑުމެން ވޯޓުދިނީ އެމެރިކާ އިސްކުރުމަށް. އެހެން ޤައުމަކަށް އިސްތިޢުމާރީ ބާރުވެރިކަން ފޯރުވުމުގެ، އަދި އަޅުގަނޑުމެންގެ މާލިއްޔަތު ފުނޑުފުނޑު ކޮށްލުމުގެ، އަދި އަޅުގަނޑުމެންގެ ސިފައިންގެ ލޭއޮހޮރުވައިލުމުގެ އެއްވެސް ބޭނުމެއް ނެތް،" ކޮންގްރެސްގެ މަތިގެ، ސެނެޓުގެ މެންބަރެއް ކަމުގައިވާ ރޭންޑް ޕޯލް ވިދާޅުވިއެވެ.
ޣައްޒާ ފޭރިގަންނަން ބޭނުންވާ ކަން ޓްރަމްޕް ހާމަކުރެއްވުމުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އޭނާގެ ހުށަހެޅުއްވުން ދިފާޢު ކުރައްވަމުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވީ އެއީ ޢާންމު ވިސްނުމުގެ ބޭރުން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައެވެ. އަދި، އެމެރިކާގެ ސިފައިން ޣައްޒާއަށް ފޮނުވުމާ މެދު ޓްރަމްޕް ގޮތެއް ނިންމަވާފައި ނުވާ ކަމުގައެވެ. މީގެ އިތުރުން، ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރު ކުރާނީ ވަގުތީ ގޮތުން ކަމުގައި ވެސް ލެވިޓް ވިދާޅުވިއެވެ. އަދި، ޣައްޒާ އަލުން އާރާސްތުކޮށް ނިންމުމުން ފަލަސްޠީނުގެ ރައްޔިތުންނަށް އެނބުރި ވަޒަނަށް ދެވޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވެސް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލު ކުރުމަށް ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ ވަގުތީ ގޮތުން ކަމުގައެވެ. އަދި، އެއީ ޣައްޒާ ސާފުކޮށް، އާރާސްތު ކުރުމުގެ މަސައްކަތްތައް ނިމެންދެން ކަމުގައެވެ. ފާޑުކިޔުންތަކާ އެކު އެމެރިކާގެ ރާގުބަދަލުވުމާ އެކު، ޓްރަމްޕްގެ ހުށަހެޅުއްވުމަށް އޭނާ އަމަލު ކުރައްވާނެ ކަން ސާފު ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ނަމަވެސް، ބައިނަލްއަޤުވާމީ ދާއިރާގެ މާހިރުން ބުނީ ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ހުށަހެޅުމެއް ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. އަދި، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނީ، ޓްރަމްޕްގެ ހުށަހެޅުއްވުމަކީ ނަސްލެއް ނައްތައިލުމާ އެއް ފަދަ ޖަރީމާއެއްގެ ގޮތުގައި ބެލެވޭނެ ކަމުގައެވެ.