ޚަބަރު

އޮފީސްތަކުގެ ބިލިއާޑް މުބާރާތް ފަށައިފި


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ 12 ވަނަ އެމްއައިބީ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ކުޅުން ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ފޯރިގަދަކޮށް ބާއްވަމުން އަންނަ މި މުބާރާތުގެ އެންމެ ވަރުގަދަ އެއް އިވެންޓު ކަމަށްވާ ޓީމު އިވެންޓުގައި މިއަހަރު 13 އޮފީހެއް ވަނީ ބައިވެރިވެފައެވެ. އަދި ގިނަ އަދަދެއްގެ ކުޅުންތެރިންވެސް ހިމެނެއެވެ.

ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި މިއަހަރު 27 ކުޅުންތެރިން، އަދި ދެވަނަ ޑިވިޝަނުގައި 83 ކުޅުންތެރިން ހިމެނެއެވެ. އަންހެން ޑިވިޝަނުގައި 17 ކުޅުންތެރިން މިއަހަރުގެ މުބާރާތުގައި ވާދަކުރެއެވެ.

މުބާރާތުގައި އެންމެ ފުރަތަމަ ފެށީ ސިންގަލްސް އިވެންޓުގެ މެޗުތަކެވެ. މި ބުރު ކުރިޔަށްދާނީ ސިންގަލް އެލިމިނޭޝަން ނޮކް އައުޓް އުސޫލުން ކަމަށް އެމްޕީބީއޭ އިން މައުލޫމާތުދެއެވެ. ސިންގަލްސް އިވެންޓްގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަަނަ ދުވަހުގެ ރޭ 20.30 ގައެވެ.

ޓީމް އިވެންޓްގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ. ޓީމް އިވެންޓްގެ ފައިނަލް މެޗު މިމަހުގެ 20 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި އޮފީސް މުބާރާތުގެ ފިރިހެން ސިންގަލް އެއްވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްޕީއެލްގެ މުހައްމަދު ދުންޔާޒް އެވެ. ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއައިބީގެ ޝިފާއު އަބްދުﷲ އެވެ.

މީގެއިތުރުން އަންހެން ސިންގަލް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކަސްޓަމްސްގެ އާމިނަތު ހަލީމްއެވެ. ޓީމު އިވެންޓުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްޕީއެލް އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކަސްޓަމްސްއެވެ.