ހަޑިހުތުރު ބަސްތަކުން މުޚާޠަބު ނުކުރުމަށާއި، އެއްބައިވަންތަކަން ކެނޑިދާނެ އެންމެހާ ކަންކަމުން ދުރުހެލިވުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. އިސްލާމީ މުޖުތަމަޢުއެއް ބިނާކުރުމުގައި އުޚްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ހަފްތާގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "މުސްލިމް އަޚާއަށް ހެޔޮކޮށް ހިތުން" އެވެ.
ޚުޠުބާގައި ވިދާޅުވީ، އިސްލާމްދީނަކީ އުޚުއްވަތްތެރިކަމުގެ ދީންކަމަށާއި، އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީންކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫންކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
އިސްލާމީ މުޖްތަމަޢުއެއް ބިނާކުރުމުގައި އެކަކު އަނެކަކާ މެދު އޮންނަ އުޚްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ޚުޠުބާގައި ވިދާޅުވީ، މުޖްތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ ނަޞްރާއި ކާމިޔާބާއި ހަމައަށް ވާސިލްވުމީ އެ މުޖްތަމަޢަކަށް އެކަށީގެންވާ ކަމެއް ނޫންކަމަށެވެ.
ތާރީޚުގެ ފަތްފުށްތަކުން މިސާލު ނަންގަވާ ޚުތުބާގައި ވިދާޅުވީ، އިސްލާމީ އުއްމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަށްފަހު ނަޞަރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި އެބައިމީހުންގެ މެދުގައި އޮތް އަޚްވަންތަކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އަދި އެއަށްފަހު އިސްލާމީ އުއްމަތް ރޫޅި ބައިބައިވެގެންދިޔައީ އެ ކަންތައްތައް މުސްލިމުންގެ ކިބައިން ފިލައި ދިއުމުން ކަމަށެވެ.
އެއްވެސް މީހަކަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ ދީން ހުއްދަކުރާ ކަމެއް ނޫންކަން ޚުތުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.
"އެއްބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަސްތަކުން މުޚާތަބުކުރުން މަނާކުރައްވައި، މާތް ﷲ ވަހީކުރައްވައިފައިވެއެވެ. ތިޔަބައިމީހުން އަމިއްލަ ނަފްސުތަކަށް ޢައިބުނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް އައިބު ނުކިޔާށޭވެ!) އަދި އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ. އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާނުވި މީހާ ދަންނާށެވެ! ފަހެ އެއުރެންނީ ހަމަ އަނިޔާވެރިންނެވެ." ޚުތުބާގައި ވިދާޅުވިއެވެ.
އިސްލާމްދީނަކީ އެއްބައިވަންތަކަމުގެ ދީންކަމަށާއި، އެއްބައިވަންތަކަމަށް ބާރުއަޅާދީންކަން ފާހަގަކުރައްވާ، އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭ ކަންތައްތައް ދީނުގައި ބަޔާންކުރައްވާފައިވާފަދައިން، އެކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީން މަނާކުރައްވާފައިވާކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން މާތްﷲ މަނާކުރައްވާފައިވާކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
"މާތްﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ އެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުނަށް ވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑު ބަޔަކުކަމުގައި ވެދާނެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވައިފައިވާ ކޮންމެ ކަމެއް ކުރުމުން އެ ކަމުގެ ލާބައާއި މަންފާ އޮތީ އަހަރެމެންގެ އަމިއްލަ ނަފުސަށާއި އަހަރެމެންގެ މުޖުތަމަޢަށްކަމަށާއި. އަދި މަނާކުރެއްވުނު ކަމަކަށް އަރައިގަތުމުން އެ ކަމުގެ ގެއްލުމާއި ހަލާކު ވެސް ހުރީ ހަމަ އަހަރެމެންގެ އަމިއްލަ ނަފުސަށާއި، މުޖުތަމަޢަށްކަމުން الله އާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމަށް ހުކުރު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.
ހަމައެހެންމެ އަޚުވަންތަކަމާއި އެއްބައިވަންތަކަމަށް ތިމާ ވާސިލުކޮށްދޭ ކޮންމެކަމެއް ކުރުމަށާއި، އަޚްވަންތަކަމާއި އެއްބައިވަންތަކަން ކެނޑިދާނެ ކޮންމެ ކަމަކުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.