ޚަބަރު

"ފަތުރުވެރިކަމުގެ އައު ހުނަރުތައް ކުރިއެރުވަން އިންވެސްޓްކުރުމަށް ފުރުސަތު އޮންނާނެ"


  • އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މިސިނާޢަތަށް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އައު ހުނަރުތައް ތަރައްޤީކުރުމަށް އިސްކަންދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ހިއްސާ ކުރެއްވި ޕޯސްޓުގައިރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޤްބޫލު މަންޒިލަކަށް ހެދުމަށް މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށާއި، ރަށްރަށުގެ މުޖުތަމަޢުތަކަށާއި، މި ސިނާޢަތުގެ ބައިވެރިންނަށް ތަހުނިޔާ ދަންނަވާފައެވެ.

ފަތުރުވެރިކަމަކީ އަދިވެސް ޤައުމީ ތަރައްޤީ އާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ މައިގަނޑު އަސާސްކަމަށާއި ޑިޖިޓަލް ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މި ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، އެ ބަދަލުތަކާ އެއްގޮތަށް ތަރައްޤީވެ، އައު އީޖާދުތަކާ އެކު ކުރިއަރައިދިއުމުގައި ދެމިތިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ފުރިހަމަކުރުމަށްޓަކައި، އައު އީޖާދުތަކަށް މަރުޙަބާ ކިޔުމަށާއި، ހުނަރުތައް ކުރިއެރުވުމަށް އިންވެސްޓްކުރުމަށާއި، ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން އިސްކަންދޭކަމަށެވެ. އަދި ޤައުމުގެ ޤުދުރަތީ ރީތިކަމާއި، ތަފާތު ވަކިވަކި ސިފަތަކާއި، ކަމޭހިތުމުގެ މާތް އާދަ ދަމަހައްޓަމުން، ޑިޖިޓަލް ޒަމާނުގެ ފުރުޞަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މިއީ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީގައި ފަތުރުވެރިކަމުގެ މުހިންމުކަން ހާމަކޮށްދިނުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ދިވެހިރާއްޖެއަށް ބަލާއިރު، ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ފާއިތުވި 50 އަށްވުރެ ގިނަ އަހަރުގެ ތެރޭގައި މި ދާއިރާއަށް ބޮޑެތި ކުރިއެރުންތަކަކާއި ބަދަލުތަކެއް ވަނީ އައިސްފައެވެ.