އެމެރިކާގެ ސަރަޙައްދެއް ކަމުގައިވާ އަލާސްކާގައި 10 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިފައި ވަނީ އަލާސްކާގައި އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ފޯރުކޮށްދޭ އެއަރލައިން، ބޭރިންގ އެއަރގެ ކުޑަ މަތިންދާބޯޓެއް ކަމުގައި އަލާސްކާގެ ޢާންމު ސަލާމަތާ ބެހޭ އިދާރާއިން ހާމަކުރިއެވެ.
މަތިންދާބޯޓު ގެއްލިފައި ވަނީ ޔޫނާލާކްލީޓުން ފުރައިގެން ނޯމަށް ދަތުރު ކުރަމުން ދިޔަ މަގުމަތީގައެވެ. އެއީ، އެއް ގަޑިއިރުގެ ދަތުރެކެވެ. ގެއްލިފައިވާ އެއް އިންޖީނު އެޅި ސެސްނާ ކެރެވޭން މަރުކާގެ މަތިންދާބޯޓުގައި 10 މީހުން ތިއްބެވެ. އެއީ، ނުވަ ފަސިންޖަރުންނާއި ޕައިލެޓެވެ. އަލާސްކާގެ ޢާންމު ސަލާމަތާ ބެހޭ އިދާރާއިން ބުނީ މަތިންދާބޯޓު އެންމެ ފަހުން ދަތުރު ކޮށްފައިވާ ސަރަޙައްދު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
އެމެރިކާގެ ވަޒީފާގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ އިދާރާއިން ބުނީ، އަލާސްކާއަކީ ވައިގެ އުދުހުންތަކުގެ އެކްސިޑެންޓުތައް ގިނަ ސަރަޙައްދެއް ކަމުގައެވެ. މި ކަމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ، އެއީ ފަރުބަދަމަތީ ސަރަޙައްދަކަށްވުމެވެ. އަދި، ރަށްތަކުގެ މެދުގައި އެއްގަމު ދަތުރުފަތުރު ކުރުމަށް މަގުތައް ބިނާ ކޮށްފައި ނެތުމެވެ. އަލާސްކާގެ ރަށްތަކުގެ މެދުގައި މީހުންނާއި މުދާ އުފުލުމަށް ޢާންމު ގޮތެއްގައި ބޭނުން ކުރަނީ ކުދި މަތިންދާބޯޓެވެ.
އަލާސްކާގައި އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ފޯރުކޮށްދޭ ބޭރިންގ އެއަރއިން 39 މަތިންދާބޯޓާއި ހެލިކޮޕްޓަރު ބޭނުން ކުރެއެވެ. ގެއްލުނު މަތިންދާބޯޓުގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ ޔޫނާލާކްލީޓުން ފުރިތާ 38 މިނެޓު ފަހުން ކަމުގައި ކަމާ ގުޅޭ އިދާރާތަކުން ރިޕޯޓު ކުރިއެވެ. މި ހާދިސާއާ ގުޅިގެން ބޭރިންގ އެއަރއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.