ޚަބަރު

ޝުޢޫރު ފާޅުކުރި ރައްޔިތުންނާ ބައްދަލުކޮށް ވަޒީރު ދެއްވީ އެއަރޕޯޓުގެ މަސައްކަތް މިއަހަރު ފެށޭނެކަމުގެ ޔަޤީންކަން


  • އެއަރޕޯޓުގެ މަސައްކަތަށް ރައީސް ވަރަށް ބޮޑު އަހަންމިއްޔަތެއްދޭކަމަށް ވިދާޅުވި

  • އެއަރޕޯޓު ތަރައްޤީކުރަނީ ރައްޔިތުންނަށް ބޭނުންވާގޮތަށްކަން ފާހަގަކުރެއްވި

ހދ. މަކުނުދޫ އެއަރޕޯޓުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމުގެ ޔަޤީންކަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ދެއްވައިފިއެވެ. އިމާރާތްކުރުމާބެހޭ ވަޒީރު މި ޔަޤީންކަން ދެއްވީ މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ޑރ. މުއްޠަލިބު މަކުނުދޫއަށް ވަޑައިގަތުމުން އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ އެއަރޕޯޓާ ގުޅިގެން ހުރި ބައެއް ޝުޢޫރުތައް ފާޅުކޮށްފައެވެ. ވަޒީރު ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ، އެއަރޕޯޓުގެ މަސައްކަތާގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ އެ ރަށުގެ އެއަރޕޯޓުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އަދި އެ ރަށުގެ އެއަރޕޯޓު ސަރުކާރުން ތަރައްޤީކުރަނީ، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއްގެ ގޮތުގައި ދެކިގެންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މަކުނުދޫގެ އެއަރޕޯޓަކީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. އަޅުގަނޑަށްވެސް އިޙްސާސްކުރެވުނު މާލެއިން ކުޅުދުއްފުށްޓަށް އަންނަން މިޖެހެނީ. ކަނޑު ގަދަ ދުވަސް ދުވަހު ކުޅުދުށްފުށިން މި ރަށަށް އައުމަކީ ދަތިކަމެއް." ވަޒީރު ވިދާޅުވިއެވެ.

މަކުނުދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން މިހާރު ހިއްކާ ނިމިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.

އެ މަސައްކަތް ނިމުމުން ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ މެދުވެރިކޮށް ނަމަވެސް، ރަންވޭ ހެދުމާއި ޓަރމިނަލް ހެދުންފަދަ ޢުމްރާނީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

މަކުނުދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ބިގް ފިޝް މޯލްޑިވްސްއާ ޙަވާލުކޮށްގެން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިންވަނީ މިހާރު ހިއްކާފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބިގް ފިޝް މޯލްޑިވްސްއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 16 މިލިޔަން ޑޮލަރަށެވެ.

މަކުނުދޫއަކީ 1000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ. މި ރަށަކީ ހދ. އަތޮޅުގެ އެހެން ރަށްތަކާ ޚިލާފަށް ތަންކޮޅެއް ދުރުގައި އޮންނަ ރަށެއްކަމުން، އަތޮޅުގެ އެހެން ރަށްތަކަށާއި، އެހެން ހިސާބުތަކަށްވެސް ދަތުރުފަތުރު ކުރުމުގައި މަކުނުދޫ ރައްޔިތުންނަށް މާލީގޮތުންވެސް ބޮޑު ބުރައެއް އުފުލަންޖެހެއެވެ. އެހެންކަމުން އެރަށުގައި އެއަރޕޯޓެއް ތަރައްޤީކުރުމުން ދަތުރުފަތުރުގެ ލުއިފަސޭހަކަމާއެކު ރަށަށް ޢުމްރާނީ އިޤްތިޞާދީގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރަށުގެ ރައްޔިތުންވެސް ދެކެއެވެ.