ޚަބަރު

ޔޮޓެއްގައި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް: ޔޮޓު އަޑިއަށް, އެކަކަށް ފިހިގެން ފަރުވާދެނީ


  • ރޯވީ "ނަވައިމާ" ނަމަކަށްކިޔާ ޔޮޓެއް

  • މި ޙާދިސާގައި ޔޮޓުވަނީ އަޑިއަށްގޮސްފައި

  • މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހު 5 ގައި

ޔޮޓެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއްގައި މީހަކު ފިހިގެން ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ޙާދިސާގައި ރޯވެފައިވަނީ "ނަވައިމާ" ނަމަކަށް ކިޔާ ޔޮޓެއްގައެވެ.

ފުލުހުން ވިދާޅުވީ، ރީތިރަށް ރިސޯޓާއި ދިމާލުން 5 މޭލު ބޭރުން މި ޔޮޓު ދަތުރުކުރަމުންދަނިކޮށް އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ފުލުހުން ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ފަތިހު 03:43 ހާއިރުކަމަށެވެ.

މި ޙާދިސާ ހިނގި ވަގުތު ޔޮޓުގައި ތިބީ 5 މީހުން ކަމަށާއި، އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ޙާދިސާގައި އެ ޔޮޓުވެސް އަޑިއަށްގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މި ޙާދިސާ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.