އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މީހަކު މަރުވުމުން އެކަން ފުލުހުން ތަހުލީލުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުންދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލައެއް އިއްޔެ 23:20 ކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އައިޖީއެމްއެޗްއިންކަމަށްވެސް މަޢުލޫމާތުދެއްވިއެވެ.
މި ޙާދިސާގައި މަރުވި މީހާ އައިޖީއެމްޗަށް ގެންގޮސްފައިވަނީ ތަނަކުން ވެއްޓުމުގެ ސަބަބުން ފަރުވާ ހޯދުމަށްކަމަށް އަޑު ފެތުރިފައިވެއެވެ. ނަމަވެސް ފުލުހުން ވިދާޅުވީ އެ މީހާ ފަރުވާ ހޯދުމަށް ގޮސްފައިވަނީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫން ކަމަށެވެ. އަދި ބެލި ބެލުމުން ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި ހަށިގަނޑަށް ގެއްލުމެއް ލިބިފައިހުރި ކަމުގެ ނިޝާނެއް ފެންނަށް ނެތްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އާއިލާއިންވެސް މިހާތަނަށް އެއްވެސް ތުހުމަތުތެއްކޮށް ޝަކުވާއެއް ހުށައަޅާފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެ މީހާއަށް ފަރުވާދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް ތެދުވެގެން ދުއްވައިގަނެގެން ދަނިކޮށް ވެއްޓުނުކަމުގެ މަޢުލޫމާތު ހޮސްޕިޓަލުން ދީފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ފައިލްކުރާނީ ތަހުލީލުތަކުގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށެވެ.