ޚަބަރު

ނަޑެއްލާ ބަނދަރު ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައިފި


  • ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އައި.ސީ.ބީ ގެ އުސޫލުން

  • ބިޑް ހުށަހަޅަން ޖެހެނީ މިމަހުގެ 25ގެ 13:00ގެ ކުރިން

  • ބިޑް ހުޅުވުން އޮންނާނީ މިމަހުގެ 26ގެ 13:00ގައި

ގދ. ނަޑެއްލާގެ އައު ބަނދަރު ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުސަތު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ މާލީ ވުޒާރާއިން ކުރި އިޢުލާންގައި ވިދާޅުވީ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެދުމުގެ މަތިން މި ނަޑެއްލާ އައު ބަނދަރު ތަރައްީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުންނެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަގިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ދެއްކުމަށްފަހު ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސްގެ އިތުރުން ފައިސާ ދެއްކި ރަސީދުގެ ކޮޕީއެއް ފޮނުވަންޖެހޭނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝަރޫޢާ ގުޅޭ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 25 ވަނަ ދުވަހުގެ 13:00ގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ 13:00ގައި ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ނަޑެއްލާ ބަނދަރު ތަރައްޤީކުރުމަށް ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާއިރު، ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަށްރަށަށް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެތެރެއިން މިދިޔަ މަހުގެތެރޭ ގދ.ނަޑެއްލާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވަނީ ނަޑެއްލާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރުން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ނަޑެއްލާ ބަނދަރު ހެދުމަށް ކޮންޓްރެކްޓަރެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާންކުރައްވާނެކަމަށާއި ބަނދަރު ތަރައްޤީކުރާނީ ރަށުގެ ރައްޔިތުން ބޭނުންވާގޮތައްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ނަޑެއްލާގައި މިވަގުތު އޮތީ 2008 ވަނަ އަހަރު ހަދާފައިވާ ކުޑަ ބަނދަރެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނަށް މީގެ ދަތިކަން ދަނީ ކުރިމަތިވަމުންކަން ކައުންސުލުގެ ރައީސް ފާހަގަކުރެއްވިއެވެ.