ރޯދަ

ޒިކުރު ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިފި


އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ރަމަޟާންމަހަށް ޚާއްޞަކުރައްވައިގެން ރޭއްވެވި ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޢާންމުންނަށް ފެންނަހެން ޒިކްރުބޯޑުތައް ބެހެއްޓެވުމަށް ހިންގަވާ ޙަރަކާތް ރަސްމީގޮތުން ފަށްޓަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ރަމަޟާންމަހަށް ޚާއްޞަކުރައްވައިގެން ދީނީ ގިނަ ޙަރަކާތްތަކެއް ރާއްވަވައި ގެންދަވަނީ ހިންގަވަމުންނެވެ. އަދި މިފަދަ ޙަރަކާތްތަކަކީ ރައްޔިތުންގެ ހިތްތަކުގައި ދީނީ ޝޫޢޫރު އާލާކޮށް، ދީނީ ކަންކަމަށް ލޯބި ޖެއްސުމަށްޓަކައި ހިންގަވާ ޙަރަކާތްތަކެކެވެ. ޢާންމުންނަށް ފެންނަހެން ޒިކްރު ބޯޑުތައް ޢާންމު ތަންތާނގައި ބެހެއްޓެވުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ މި ބޯޑުތައް ބެހެއްޓެވުމަށް ނިންމަވާފައިވަނީ ސްކޫލްތަކުގައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޮންމެ ސްކޫލަކަށް ޒިކްރުބޯޑްގެ 9 ބޯޑް ދޫކުރެވޭނެކަމަށެވެ. މި މަސައްކަތުގެ ދަށުން ޕްރީސްކޫލްތަކާއި އަމިއްލަ ސްކޫލްތައް ހިމެނޭގޮތަށް މާލޭގެ 36 ސްކޫލަކަށް ޒިކްރު ބޯޑު ހަދިޔާކުރެއްވުމަށް ނިންމަވާފައިވާކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

ޒިކްރު ބޯޑުތައް ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ފަށްޓަވާއިރު އެންމެ އިސްކަމެއް ދެއްވަން ބޭނުންފުޅުވަނީ ކުޑަކުދިންނަށް ކަމަށެވެ.