ޔަހޫދީ ދައުލަތަށް 7.4 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ސަރުކާރުން އިޢުލާނު ކޮށްފިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ގޮތަށް ނިންމާފައި ވަނީ އިތުރު މައުލޫމާތު ލިބެންދެން ހަތިޔާރު ވިއްކުމުގެ މުއާމަލާތް މަޑު ޖައްސަައިލުމަށް ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކު އެދިފައި ވަނިކޮށެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނީ އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބޮއިންގ ކޯ ކުންފުނި މެދުވެރި ކޮށް ޔަހޫދީ ދައުލަތަށް 6.75 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވަޒަނާއި ގައިޑަންސް ކިޓާއި ފިއުޒު ހިމެނެއެވެ. އޭގެ އިތުރުން ލޮކްހީޑް މާޓިން ކުންފުނި މެދުވެރިކޮށް 660 މިލިއަން ޑޮލަރުގެ ހެލްފަޔަރ މިސައިލު ވެސް ޔަހޫދީ ދައުލަތަށް ވިއްކުމަށް ވަނީ ނިންމާފައެވެ. ޔަހޫދީ ދައުލަތަށް ހަތިޔާރު ވިއްކުމުގެ ޙުއްދަ ދީފައި މި ވަނީ ޔަހޫދީންގެ ނިރުބަވެރި ރައީސް ބެންޖަމިން ނަތަންޔާހޫ ރައީސް ޓްރަމްޕާއި އެމެރިކާ ސަރުކާރުގެ ބޮޑުންނާއި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރުމަށް އެމެރިކާގައި ހުއްޓައެވެ.
އެމެރިކާއިން ހަތިޔާރު ގަތުމަށް ބޭރު ޤައުމުތަކުން ހުށަހެޅުމެއް ލިބުމުން އެ ހުށަހެޅުން ދިރާސާ ކޮށް ޙުއްދަ ދޭނީ އެމެރިކާގެ ޚާރިޖީ ވުޒާރާއިންނެވެ. އެ ޙުއްދަ ދޭނީ ހުށަހެޅުމާ އެއްގޮތަށް ހަތިޔާރު ވިއްކުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ފުށުއަރާ ކަމެއްތޯ ބަލައި އެމެރިކާގެ ސަލާމަތީ މަސްލަހަތަށް ކުރާނެ އަސަރުތައް ބެލުމަށް ފަހުގައެވެ. ހަތިޔާރު ވިއްކުމުގެ މުޢާމަލާތުގެ އަގަކީ ވަކި މިންވަރަކަށް ވުރެ ބޮޑު އަގެއް ނަމަ ހަތިޔާރު ވިއްކުމުގެ ކުރިން ޤާނޫނުހަދާ މަޖިލީހުގެ ޚިޔާލު ހޯދަން ޖެހެއެވެ.
ޤާނޫނުހަދާ މަޖިލީހުގެ ޚާރިޖީ ކޮމިޓީގެ މެންބަރެއް ކަމަށްވާ ގްރެގަރީ މީކްސް ވަނީ ބޮޑެތި ޢަދަދުތަކުން ހަތިޔާރު ވިއްކުމުގެ ކުރިން އެ މުއާމަލާތް ދިރާސާ ކުރުމަށް ޤާނޫނުހަދާ މަޖިލީހަށް ފުރުޞަތު ލިބޭއިރު އެ ގޮތަށް ޢަމަލު ނުކޮށް ވިޔަފާރި މުއާމަލާތައިގެން ކުރިއަށް ދިޔުމަށް ނިންމި ނިންމުމާ މެދު ނުރުހުން ފާޅު ކޮށްފައެެވެ. އޭނާ ވިދާޅުވީ ޔަހޫދީންނަށް ހަތިޔާރު ވިއްކުމާމެދު ހުރި ކަންބޮޑުވުންތަައް ސަރުކާރާ ޙިއްޞާ ކުރަމުން ދިޔަ ކަމަށެވެ. އެ މުޢާމަލާތާ ބެހޭ މާ ގިނަ ލިޔެކިޔުންތަކެއް އަދި ތަފްޞީލެއް ސަރުކާރުން ޙިއްޞާ ކޮށްފައި ނުވާކަން ފާހަގަ ކޮށް މީކްސް ވިދާޅުވީ ހަތިޔާރު ވިއްކުމުގެ މުޢާމަލާތް ދިރާސާ ކުރުމުގެ ފުރުޞަތު ޤާނޫނުހަދާ މަޖިލީހަށް ނުދިނުމަކީ ދައުލަތުގެ މައި އެއް ބާރަށް ކުރެވޭ ވަރަށް ބޮޑު ބޭއިޚްތިރާމެއް ކަމަށެވެ. އެމެރިކާގައި އޮންނަނީ ރަސްކަމެއް ނޫން ކަމަށާއި އެ ޤައުަމުގައި އޮންނަނީ ދިމިގުރާތީ ނިޒާމެއް ކަމަށް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެ ފަދަ ނިޒާމެއްގައި ޤައުމު ހިންގަނީ ކަނޑައެޅިފައިވާ ޤާނޫނުތަކުގެ ތެރެއިން ކަމަށެވެ.
މިއީ ހަތިޔާރު ވިއްކުމުގެ މުއާމަލާތެއް ޤާނޫނުހަދާ މަޖިލީހުގެ ބަހެއް ނުހޯއްދަވާ ޓްރަމްޕް ނިންމަވާފައިވާ ފުރަތަމަ ފަހަރެއް ނޫނެެވެ. އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް އެ ފަދަ ގޮތަކަށް ޢަމަލު ކުރައްވާފައި ވެއެވެ. ޤާނޫނުހަދާ މަޖިލީހުގެ ކަންބޮޑުވުންތަަކަށް ބެލުމެއް ނެތި 2019ވަނަ އަހަރު ޓްރަމްޕް ވަނީ ޤަައުމީ ކުއްލި ޙާލަތެއް ކަމަށް ވިދާޅުވެ ސަޢުދީ ޢަރަބިއްޔާއަށާއި އެކުވެރި ޢަރަބި އިމާރާތަށާއި އުރުދުންނަށް 8 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކާފައެވެ.