ޚަބަރު

ޣައްޒާގެ އުތުރަށް އަރައި ތިބި ޔަހޫދީ ސިފައިން ފައިބަން ފަށައިފި


ފަލަސްޠީނުގެ ޣައްޒާގެ އުތުރާއި ދެކުނު ވަކިކޮށް، އެ ސަހަރުގެ އުތުރުގެ ރަށްތަކުގައި ލާއިންސާނީ ޖަރީމާތައް ހިންގަމުން ދިޔަ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެ ސަރަޙައްދުން ފައިބަން ފަށައިފިއެވެ. ޣައްޒާގެ އުތުރާއި ދެކުނު ވަކި ކުރުމަށް 'ނެޓްޒަރީމް ކޮރިޑޯ'ގެ ނަމުގައި ޗެކްޕޮއިންޓެއް ޤާއިމު ކޮށްފައި ވަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގި ލާއިންސާނީ ޤަތުލުޢާންމުގެ ތެރެއިންނެވެ.

ޔަހޫދީންގެ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާން ހިންގުން މެދުކަނޑައިލާފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔަހޫދީ ފައުޖުގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 111,000ށް އަރާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރިއެވެ. އެ އަދަދުތައް އަދިވެސް ދަނީ އުފުލެމުންނެވެ. އދން ބުނީ، ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފަށާފައިވާ އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ މެދުގައި އަސީރުން ބަދަލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މި ގޮތުން، ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 16 މީހުން މިނިވަން ކޮށްފައެވެ. އަދި، އޭގެ ބަދަލުގައި، ޔަހޫދީން ވަނީ ޖަލުތަކުގައި ހައްޔަރުކޮށް، ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 566 މީހުން މިނިވަން ކޮށްފައެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޙަމާސުން 33 އަސީރުން މިނިވަން ކުރާނެއެވެ. އަދި، އޭގެ ބަދަލުގައި ޔަހޫދީން ވެސް ފަލަސްޠީނުގެ 1,900ށްވުރެ ގިނަ މީހުން މިނިވަން ކުރަން ޖެހޭނެއެވެ.

ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ މުސްލިމުން އެ ސަރަޙައްދުތަކުން ބޭލުމުގެ ނިޔަތުގައި ޔަހޫދީ ފައުޖުން ނުރައްކާތެރި ނިރުބަވެރި ޙަމަލާތަކެއް ދޭން ފެށުމާ އެކު، އެ ސަރަޙައްދުތައް ދޫކޮށް 700,000ށްވުރެ ގިނަ މީހުން ވަނީ އެ ސަހަރުގެ ދެކުނުގެ ސަރަޙައްދުތަކަށް ހިޖުރަ ކޮށްފައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔެއްގެ ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައެވެ.

ސުލްޙައިގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާ އެކު، ޣައްޒާގެ ރައްޔިތުން ވަނީ އެނބުރި ވަޒަނަށް ދިޔުމަށް ދަތުރު ކުރަން ފަށާފައެވެ. އަދި، އެތަކެއް ދުވަހަކު އެ ކަމަށް ހުރަސް އެޅުމަށް ފަހު، ނެޓްޒަރީމް ކޮރިޑޯގައި ޗެކްޕޮއިންޓު ޤާއިމު ކޮށްގެން ތިބި ޔަހޫދީ ސިފައިން ވަނީ އެ ކަމަށް ފުރުޞަތު ދޭން ފަށާފައެވެ. އެ ކަމަށް ފުރުޞަތު ދިނުމުގެ ގޮތުން ޣައްޒާގެ ހުޅަނގު ފަރާތު އައްސޭރިފަށުގައި އޮތް ރާޝިދު މަގުގައި ތިބި ޔަހޫދީ ސިފައިން ވަނީ އެ ސަރަޙައްދުން ފައިބާފައެވެ.

ނެޓްޒަރީމް ކޮރިޑޯގެ އެހެން ސަރަޙައްދުތަކުގައި ތިބި ޔަހޫދީ ސިފައިން އެ ސަރަޙައްދުތަކުން ފައިބަން ފަށާފައިވާ ކަން މީޑިޔާތަކުން ރިޕޯޓު ކޮށްފައިވާއިރު، ޒަޔަނިސްޓު އިސްރާއީލުން މި ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. ނަމަވެސް، އެ ސަރަޙައްދުގައި ތިބި ޔަހޫދީ ސިފައިން ފައިބަން ފަށާފައި މި ވަނީ، ޙަމާސާއި ޔަހޫދީންނާ ދެމެދު ޤަޠަރުގެ ވެރިއަށް ދަވްޙާގައި އިތުރު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ޒަޔަނިސްޓު ސަރުކާރުން ބުނީ، އެ މަޝްވަރާތަކުގައި ސުލްޙައިގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއާ ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރުމަށް ހަމަޖެހިފައި ނުވާ ކަމުގައެވެ.