ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގައި މައި ތަނބެވެ. ތަރައްޤީގެ ދުވެލީގެ އެންމެ އާރުހުރި ހަކަތައެވެ. އެހެންކަމުން ޤައުމުގެ ތަރައްޤީގައި އެންމެ ބޮޑު ހިއްސާއެއް އޮތް ބަޔަކީ ޒުވާނުންނެވެ. އެހެންކަމުން ޤައުމުގެ ތަރައްޤީ ގުޅިފައިވަނީ ޒުވާނުންގެ ދުޅަހެޔޮކަމާއެވެ. އެހެންނަމަވެސް ޒުވާނުންގެ ދުޅަހެޔޮކަން މިއަދު މިއޮތީ ކަންބޮޑުވާ ހިސާބެއްގައެވެ. އާބާދީގެ 25.7 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ.
ސިއްޙީ ދާއިރާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖޭގައި ކުއްލި މަރުތައް ދަނީ އިތުރުވަމުންނެވެ. ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ ޒުވާނުންގެ މެދުގައި ވަނީ ނުރައްކާ މިންވަރަކަށް އިތުރުވެފައެވެ. މިއީ ކަންބޮޑުވާ ކަމެއްގެގޮތުގައި ސިއްޙީ ދާއިރާގެ މާހިރުން ފާހަގަކުރައްވައެވެ.
ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާއިގަނޑަކަށް 84 އިންސައްތަ ހިއްސާކުރަނީ ސިއްޙަތަށް ނުރައްކާވާ ނުރަނގަޅު އާދަތަކާއި ގުޅިފައިވާ ބަލިތަކެވެ. އެގޮތުން އާންމުވަމުންދާ ބަލިތަކުގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ދާއިމީ ބަލިތައް ހިމެނެއެވެ. މިފަދަ ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައްކަމަށް އެކި ދިރާސާތަކުން ދައްކަނީ ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅުމާއި، ނުސާފު ވައިކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ ހާމަކޮށްފައެވެ. އެހެންނަނަމަވެސް މިކަންކަމަށްވަނީ ފަރުވާ ކުޑަކުރެވިފައެވެ. ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި މިފަދަ ނޭދެވޭ އާދަތައްދަނީ އިތުރުވަމުންނެވެ.
ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދޫކޮށްލާ ދުމުގެ އަސަރުކުރާ ސެކަންޑް ހޭންޑް ސްމޯކަރސްއަށާއި، ދުންފަތުގެ އިސްތިއުމާލުކުރުމަށްފަހު ހެދުމުގައި ހުންނަ ދުމާއި، ދުންފަތުގެ ވަހާއެކު ހުންނަ ކުދި ޒައްރާތައް އަނބިދަރިންނަށް ވާސިލުވުމަކީ އޭގެ ނުސީދާ ނުރައްކަލަށް އެމީހުން ހުށައެޅިގެންދާކަމެކެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ އެތައް ބަޔަކާއެކު އެނުރަނގަޅު އާދައަށް ހުށައެޅިފައިވާ މީހުން ދިރިއުޅޭކަމީ ހަގީގަތެކެވެ. އަނބިދަރިން ދުންފަތުގެ އިސްތިއުމާލުނުކުރިނަމަވެސް ފިރިމީހާ ނުވަތަ ބައްޕަ ދުންފަތުގެ އިސްތިއުމާލުކުރެއެވެ. ރަޙުމަތްތެރިންނާއެކު ކޮފީތަކަށް އަރާއިރު، ތިމާ ދުންފަތުގެ އިސްތިއުމާލު ނުކުރިނަމަވެސް އެއަށް ހުށައެޅެއެވެ. މިއީ ނުރައްކާ ޙާލަތްތައްކަން ޤަބޫލުކުރާ މީހުން މަދެވެ. އެހެންކަމުން ބަލިތައް އާންމުވުމަކީ ހަމައެކަނި ކަންބޮޑުވާން ޖެހޭކަމަކަށްވުމަކީ ހަމަޖެހޭ ވާހަކައެއް ނޫނެވެ.
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ، ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ، ފުއްޕާމޭގެ އެކި މައްސަލަތައް ކުރިމަތިވެގެން އަންނަ ކޮންމެ ޒުވާނެއްވެސް، އަދި ޢުމުރުން ދުވަސްވީ މީހަކީވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފައިވާ މީހުންކަން ފާހަގަވެފައިވާކަމަށެވެ. ދުންފަތުގެ އިސްތިއުމާލުކޮށްގެން ހަށިގަނޑަށް ލިބޭ ގެއްލުމަކީ އިއާދަކުރެވޭނެ ކަމެއް ނޫންކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
"ދުންފަތުގެ އިސްތިއުމާލުކޮށްފައިވާ މީހެއްނަމަ އެމީހެއްގެ ފުއްޕާމޭގެ ވަށައިގެންވާ ފަށަލަ އެބަ ހަލާކުކޮށްލާ. އެއީ އިއާދަކުރެވޭނެ ކަމެއް ނޫން. އެހެންކަމުން ދުންފަތާއި ދުރުވުމަކީ ދާއިމީ ބަލިތަކުން ދުރުހެލިވުމަށް ކޮންމެހެންވެސް މުހިންމުކަމެއް." ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
Angeela Naseer - @HMH_mv
— Ministry of Health (@MoHmv) February 5, 2025
It is important to adapt to a healthy lifestyle, by staying away from tobacco related products and processed food, while also being physically active and focusing on a balanced diet.@ANazim2019 @HPA_MV @igmhmv #CancerAwareness#UnitedByUnique pic.twitter.com/OmnbWnl6P8
ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލުކުރުން ގިނަ ނަމަވެސް މިކަމާއި ދުރުހެލި ނަމޫނާ ޒުވާނުންވެސް އެބަތިއްބެވެ. މިގޮތުން ކުޅިވަރުގެ ދާއިރާއާއި މީހުން ބިނާކުރުމުގެ ދާއިރާއާއި އެނޫންވެސް އެކި ދާއިރާތަކުގައި މިފަދަ ޒުވާނުން ތިބިކަން ފާހަގަކުރެވެއެވެ. މިފަދަ އެއް ޒުވާނަކީ ބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޒިލާލްއެވެ.
ޒިލާލް ފާހަގަކުރާގޮތުގައި ބާސްކެޓްގެ ކާމިޔާބު ކެރިއަރގައި އެންމެ އިސްކަމެއް ދިން ކަންކަމުގެ ތެރޭގައި ރަނގަޅު އަޚްލާގް ހިފެހެއްޓުމާއި، ދުޅަހެޔޮ ސިއްޙަތަކަށް ހުރަސްއަޅާ ކަންކަމާއި ދުރުހެލިވުން ހިމެނެއެވެ. ކުޅިވަރުގައި ކާމިޔާބީއަށް ވާސިލުވެ އެކަން ދަމަހައްޓަން އެދޭ ކުދިންނާއި ޒުވާނުން ދުންފަތާއި ދުރުހެލިވުމަށް ޒިލާލް ނަސޭހަތްތެރިވިއެވެ.
"ބާސްކެޓް ކުޅުނުއިރުވެސް ވަރަށް އިސްކަމެއް ދެން ސިއްޙަތު ރަނގަޅަށް މެއިންޓެއިންކުރަން. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ސިއްޙަތަށް ނުރައްކާވާ ކަންކަމުން ވަރަށް ބޮޑަށްވެސް ދުރުގައި އުޅުނީ. އެހެންވީމަ ޕްރޮފެޝަނަލްކޮށް ކެރިއާރ ކުޅިވަރުގައި ބިނާކުރަން ބޭނުންނަމަ ވީހާވެސް ބޮޑަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި ސިއްޙަތަށް ނުރައްކާވެދާ ކަންކަމުން ހުރިހާ ކުދިންވެސް ދުރުހެލިވުމަކީ މުހިންމުކަމެއް." މުޙައްމަދު ޒިލާލް ބުންޏެވެ.
މިއީވެސް ޒުވާނެއްގެ އިލްތިމާސެވެ. ޤައުމު ވެއްޓެމުން މިދާ ނުރައްކަލުން ސަލާމަތްކުރުމަށް މިފަދަ އެތައް ޒުވާނުން ކުރަމުންދާ އިލްތިމާސެވެ. ދުންފަތާ ދުރުހެލިވާށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަންވީ އަމިއްލަ ނަފުސަށްޓަކާ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލެވުމަކީ ތިމާގެ ނަފުސުގެ ބާރުވެރިކަން ދައްކުވާދޭ ކަމެއް.#ފުރިހަމަސިއްހަތަކަށްދުމާދުރަށް @ANazim2019 @HPA_MV @igmhmv @HMH_mv @DhamanaVeshi pic.twitter.com/ezNCFWLO4E
— Ministry of Health (@MoHmv) February 9, 2025
ދުންފަތަކީ ދިރިއުޅުން ހިތާމައަށް ގެންދާ ނުބައި އާދައެކެވެ. އެއީ ޤައުމުގެ ތަރައްޤީއަށް ހުރަސްއަޅާ އާދައެކެވެ.
ދުންފަތާ ދުންފަތުގެ ދުމުން ދުރުވާން އެންމެ މުހިންމީ ތިމާގެ އަޒުމެވެ. ޢާއިލާގެ ހިތްވަރެވެ. ކަސްރަތާ ބޭސް ބޭނުންކޮށްގެން މިކަންކަމުން ދުރުވާން މަސައްކަތް ކުރިނަމަވެސް ޢަޒުމެއް ނެތިޔާ އެކަން ނުވާނެކަން ގަބޫލު ކުރާށެވެ. އަޒުމް ވަރުގަދަކޮށް ހަށިގަނޑަށް ގަސްތުގައި އެނގިހުރެ ގެއްލުނދިނުން ހުއްޓާލުމަށް މި ވަބާގައި ޖެހިފައިވާ އެންމެ ޢަޒުމް ކަނޑައަޅާށެވެ.