ޚަބަރު

ޢިއްޒުއްދީން ފާލަމުގެ މަސައްކަތް ނިމުމަކާ ގާތަށް


  • ފާލަން ފަރުމާކޮށްފަވަނީ ދިވެހިވަންތަ ފަރުމާއަކަށް

  • މިހާރު ކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތައް

  • ފާލަމުގެ ޢަމަލީ މަސައްކަތް ފެށީ 2024 މޭމަހު

ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ މަސައްކަތް ނިންމުމުގެ ފަހުގެ މަސައްކަތްތައްކަމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓިސީސީން ވިދާޅުވެއްޖެއެވެ.

ރަސްމީ ފާލަމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކުރީ 2023 ވަނަ އޮގަސްޓްމަހުއެވެ. ނަމަވެސް ޢަމަލީގޮތުން "ޢިއްޒުއްދީން ފާލަން" މަރާމާރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މޭ މަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ބޮޑެތި މަސައްކަތްތައް ނިމިފައިކާމަށެވެ. އެގޮތުން ފާލަމުގެ ސްޓްރަކްޗަރއާއި ފުރާޅު އަދި ތަނބުތަކާއި ސީލިންގގެ މަސައްކަތްތައްވެސް މިހާރު ވަނީ ނިންމާފައެވެ. މިހާރު ކުރަމުންދަނީ ފާލަމުގެ ފްލޯރިން އެޅުމުގެ މަސައްކަތާއި އަދި ފާލަމުގެ ފިނިޝިންގ މަސައްކަތްތަކެވެ.

ފާލަމުގެ މަސައްކަތް ނިންމުމަށް ކުރިން ތާވަލުކުރީ ޖެނުއަރީ 31 ވަނަ ދުވަހަށެވެ. ނަމަވެސް އެއަށްވުރެ މަސައްކަތްތައް ލަސްވެފައިވީނަމަވެސް، މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ޕްރޮޖެކްޓް ފުރިހަމަކުރުމަށްކަމަށް އެ އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަސައްކަތަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. އަލަށް ތަރައްޤީކުރާ ރަސްމީ ފަލަމަކީ ދިވެހީންގެ ޤައުމިއްޔަތާއ،ި ސަޤާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަޤީންކަން އެމްޓީސީސީން ވަނީ ދެއްވާފައެވެ.

ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް
ފައިބައިވަޑައިގަތުމަށް ބޭނުންކުރައްވާ ޢިއްޒުއްދީން ފާލަމަކީ، ދިވެހި ޖުމްހޫރިއްޔާގެ ޢިއްޒަތާއި، ސިޔާދަތާއ،ި ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ.

މިއީ ވެރިރަށް މާލޭގެ މަލަމަތިން ފެނިގެންދާ އެންމެ މުހިންމު އެއް ބިނާވެސްމެއެވެ. މި ފާލަމަކީ ވަރަށް ގިނަ ރިސޯޓުތަކާއި އަދި މާލެ ސަރަޙައްދަށް އަންނަ ކްރޫޒް ލައިނާތަކުންވެސް ފަތުވެރިން މާލެއަށް އަރާ ފޭބުމަށްވެސް ބޭނުންކުރާ ފާލަމެވެ.

އެންމެ ފަހުން ޢިއްޒުއްދީނު ފާލަމުގައި ބޭނުންކުރި ފަރުމާއަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެން، އޭރު ބޭނުންކުރަމުންދިޔަ ރަސްމީ ފާލަމުގެ ބަދަލުގައި ޒަމާނީ ފަރުމާއަކަށް ބަދަލު ގެނެސް، ތަރައްޤީކުރި ފާލަމެކެވެ. އޭރު ފާލަމުގެ ޑިޒައިން ހުރީ، ރިޔާ ނެގި ނާލު ބައްތެއްޔެއްގެ ސިފަ ދުރުން ފެންނަ ގޮތަށެވެ.

ޢިއްޒުއްދީން ފާލަން ނިސްބަތްވާ އައްސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަކީ ހޮޅިންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، ރާއްޖޭގައި ހަތް އަހަރު ވަންދެން ރަސްކަން ކުރެއްވި ރަސްކަލެވެ.