12 ވަނަ އެމްއައިބީ އިންޓަރއޮފީސް ބިލިއަރޑް މުބާރާތުގެ ފަސްވަނަ ދުވަހާއި ހަމަ އަށް އައިއިރު ސިންގަލްސް އިވެންޓްގެ ފައިނަލަށް ދިޔަ ކުޅުންތެރިން ވަނީ ކަށަވަރު ވެފައެވެ.
މިހާތަނަށް ސިންގަލްސްގެ 121 މެޗް ވަނީ ކުޅެވިފައެވެ. އެއްވަނަ ޑިވިޝަންގެ ފައިނަލަށް ގޮސްފައިވަނީ އެމްޕީއެލްގެ ހަސަން ޝާޒް އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ ޔޫސުފް ޒުބެއިރު އެވެ.
ދެވަނަ ޑިވިޝަންގެ ފައިނަލަށް ގޮސްފައިވަނީ އެމް.އެން.ޑީ.އެފްގެ ހުސެން ސާޖިދުﷲ އަދި ދިރާގުގެ ހުސެން ޝިމާލްއެވެ.
އަންހެން ޑިވިޝަންގެ ފައިނަލަށް ގޮސްފައިވަނީ ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ އައިޝަތު ޔަޝްފާއެވެ.
ސިންގަލްސް އިވެންޓްގެ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 20:15 ނެޝަނަލް ބިލިއަރޑް ސެންޓަރގައެވެ.
ކޮންމެ އަހަރަކުވެސް ފޯރިގަދަކޮށް ބާއްވަމުން އަންނަ މި މުބާރާތުގެ އެންމެ ވަރުގަދަ އެއް އިވެންޓު ކަމަށްވާ ޓީމު އިވެންޓުގައި މިއަހަރު 13 އޮފީހެއް ވަނީ ބައިވެރިވެފައެވެ. އަދި ގިނަ އަދަދެއްގެ ކުޅުންތެރިންވެސް ހިމެނެއެވެ.
ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި މިއަހަރު 27 ކުޅުންތެރިން، އަދި ދެވަނަ ޑިވިޝަނުގައި 83 ކުޅުންތެރިން ވާދަކުރެއެވެ. އަންހެން ޑިވިޝަނުގައި 17 ކުޅުންތެރިން މިއަހަރުގެ މުބާރާތުގައި ވާދަކުރެއެވެ.
މުބާރާތުގައި އެންމެ ފުރަތަމަ ކުޅުނީ ސިންގަލްސް އިވެންޓުގެ މެޗުތަކެވެ. މި ބުރު ކުރިޔަށްދިޔައީ ސިންގަލް އެލިމިނޭޝަން ނޮކް އައުޓް އުސޫލުނެވެ. ޓީމް އިވެންޓްގެ މެޗުތައް ފަށާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ޓީމް އިވެންޓްގެ ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހަށެވެ.