ޚަބަރު

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރާ 2 މިސްކިތެއްގެ މަސައްކަތް މިއަހަރު ނިމޭނެ


  • އެންމެ އަވަހަށް ނިމޭނެކަމަށް ލަފާކުރެވެނީ އަޙްމަދު ސަލީމްގެ ފަރާތުން އިމާރާތްކުރަމުންދާ މިސްކިތް

  • މިސްކިތްތައް ނިމޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ މެއި މަހު އަދި ޑިސެމްބަރު މަހު

  • ހުޅުމާލޭ މިސްކިތްތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެގެންދާނެ

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރާ 2 މިސްކިތެއްގެ މަސައްކަތް މިއަހަރު ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރާ މިސްކިތްތަކުގެ ތެރެއިން އަޙްމަދު ސަލީމް އަދި ޙަފީޒާ އަޙްމަދުގެ ފަރާތުން އިމާރާތްކުރަމުންދާ މިސްކިތާއި، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ.

ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުންދާ މިސްކިތްތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނެކަމަށް ލަފާކުރެވެނީ އަޙްމަދު ސަލީމް އަދި ޙަފީޒާ އަޙްމަދުގެ ފަރާތުން އިމާރާތްކުރަމުންދާ މިސްކިތެވެ. މިގޮތުން އަޙްމަދު ސަލީމް އަދި ޙަފީޒާ އަޙްމަދުގެ ފަރާތުން އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ނިމޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އިމާރާތްކުރާ އިތުރު މިސްކިތްތަކަށް ބަލާލާއިރު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރާ މިސްކިތުގެ ކޮންކްރީޓް އާރޗްތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި މިސްކިތުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިމޭނެކަމަށް ވަނީ ލަފާކޮށްފަވެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލޭގައި އަަމިއްލަ ފަރާތްތަކުން އިމާރާތްކުރަމުންދާ މިސްކިތްތަކުގެ ތެރެއިން ތިން މިސްކިތެއްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައިކަމަށެވެ.

2026 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭ މިސްކިތްތަކަށް ބަލާއިރު، ފެޑޯ ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރާ މިސްކިތުގައި މިވަގުތު ކުރިއަށްދަނީ ކޮންކްރީޓް މަސައްކަތެވެ. މީގެ އިތުރުން ހަމަ މި މުއްދަތުގައި ބެޗް ކޮންސްޓްރަކްޝަނުން އިމާރާތްކުރާ މިސްކިތުގެ އިތުރުން ސަންފްރޮންޓުންް އިމާރާތްކުރާ މިސްކިތުގެ މަސައްކަތްވެސް ނިމޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މި މިސްކިތްތަކުގައި މިހާރު ކުރަމުންދަނީ ސިމެންތި ޖެހުމުގެ މަސައްކަތެވެ.

ހުޅުމާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި، މިސްކިތްތަކުގެ މަސައްކަތްކުރާ ފަރާތްތަކާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން މިސްކިތްތަކުގެ މަސައްކަތް އަވަސްކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް އެ ވުޒާރާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް ނިމުމުން، ހުޅުމާލޭގެ އާބާދީއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި މި ކަމުގެ ސަބަބުން މިހާރު ހުޅުމާލޭގައި ހުރި މިސްކިތްތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެގެންދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.