ޚަބަރު

އޮފީސްތަކުގެ ބިލިއާޑް މުބާރާތް: ސިންގަލްސް ޗެމްޕިއަންކަން ޝާޒް އާއި ފަގީހާއަށް


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި އޮފީސްތަކުގެ ބިލިއާޑް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޕީއެލްގެ ހަސަން ޝާޒް މުޙައްމަދު، އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފަގީހާ އިބްރާހީމް ހޯދައިފިއެވެ.

މުބާރާތުގެ ފުރަތަމަ ޑިިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޝާޒް ހޯދީ ހޯމަ ދުވަހު ކުޅުނު މުބާރާތުގެ ފައިނަލުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ޔޫސުފް ޒުބައިރު އާއި ވާދަކޮށް 9-5 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

އަންހެން ސިންގަލްސް ޗެމްޕިއަންކަން ފަގީހާ އިބްރާޙީމް ހޯދީ ފައިނަލުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އައިޝަތު ޔަޝްފާ އާއި ވާދަކޮށް 5-1 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

މީގެއިތުރުން މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އެމްއެންޑީއެފްގެ ހުސެއިން ސާޖިދުﷲ ހޯދާފައިވަނީ ފައިނަލުގައި ދިރާގުގެ ހުސެއިން ޝިމާލް އާއި ވާދަކޮށް 7-3 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިދިޔަ އަހަރު ބޭއްވި އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްޕީއެލްގެ މުހައްމަދު ދުންޔާޒް އެވެ. ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެމްއައިބީގެ ޝިފާއު ޢަބްދުﷲ އެވެ. މީގެއިތުރުން އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސްގެ އާމިނަތު ހަލީމް އެވެ.

މުބާރާތުގައި ކުރިޔަށްދެން އޮތީ އެންމެ ފޯރިގަދަ އިވެންޓު ކަމަށްވާ ޓީމު އިވެންޓުގެ ކުޅުމެވެ. ޓީމު އިވެންޓުގެ ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަނުންނަކީ އެމްޕީއެލް އެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް އެވެ.