ޚަބަރު

ގަވާއިދާ ޚިލާފަށް ސިނގިރޭޓު ކޭސްތަކެއް ނެރުނު މައްސަލައެއްގައި ރަޖިސްޓްރީ ބާތިލުކޮށް ދައުވާކުރަނީ


  • ކަސްޓަމްސް އަށް ދައްކަންޖެހޭ ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްވަނީ ނިންމާފައި

  • އެގޮތުން މައްސަލައިގައި ހިމެނޭ މުދަލަށް ދައްކަންޖެހޭ ރުފިޔާ ހޯދުމަށް މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައި

ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވީ، އެގްޒޯޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއަރހައުސް ގެ ނަމުގައި ކަސްޓަމަސްގައި ރަޖިސްޓަރީ ކޮށްފައިވާ ވެއަރހައުސް ޗެކްކުރިއިރު އެ ބޮންޑެޑް ވެއަރހައުސްގައި ހުންނަންޖެހޭ ޔެލޯ ކެމަލް ބްރޭންޑްގެ 165 ކޭސް ސިނގިރެޓާއި، އެމެރިކަން ލެގެންޑް ބްރޭންޑްގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑްގެ 300 ކޭސް (ޖުމްލަ 575 ކޭސް ސިނގިރޭޓް) ގަވައިދާ ޚިލާފަށް ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އަދި އެސްޖީއެމް ބޮންޑެޑް ވެއަރހައުސްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީ ކޮށްފައިވާ ބޮންޑެޑް ވެއަރހައުސް ޗެކްކުރިއިރު އެ ބޮންޑެޑްހައުސްގައި ހުންނަންޖެހޭ އެމެރިކަން ލެގެންޑް ބްރޭންޑްގެ 250 ކޭސް ސިނގިރެޓާއި، އަފްޒަލް މޮލަސަސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް އެތަނުން ނެރެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މި ދެ ވެއަރހައުސްގެ ރަޖިސްޓްރީ މިހާރު ބާތިލްކޮށްފައިވާކަމަށާއި، މައްސަލައިގައި ހިމެނޭ މުދަލަށް ބޮންޑެޑްވެއަރހައުސް އިން ކަސްޓަމްސް އަށް ދައްކަންޖެހޭ ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި މި ދެ މައްސަލަ މިހާރު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

ކަސްޓަމްސް އިން ވިދާޅުވީ، ބޮންޑެޑްވެއަރހައުސް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއަރހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ އިމާރާތެއްގައި ނުވަތަ އިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއަރހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ ޢާންމު ގަވާއިދަށް އިސްލާހު ގެނެސްފައިވާ ކަަމަށެވެ.