ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ކޮލިފައިވުމަށް ކުޅެވޭ ޕްލޭއޮފްގައި ރޭ ސެލްޓިކް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.
ސެލްޓިކްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ބަޔާން މިއުނިކް މޮޅުވެފައިވާއިރު ސެލްޓިކްގެ އަމިއްލަ ދަނޑުގައި ބަލިނުވެ އެ ޓީމުން ދަމަހައްޓަމުން އަންނަ ރެކޯޑް ވަނީ 33 މެޗަށްފަހު ނިމުމަކަށް އައިސްފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ބަޔާން މިއުނިކަށް ކާމިޔާބު ކޮށްދީފައިވަނީ މައިކަލް އޮލިސޭ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މިއީ މި ސީޒަނުގައި ހެރީ ކޭން ކުޅުނު 29 ވަނަ މެޗުގައި އޭނާ ޖެހި 29 ވަނަ ލަނޑެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ. ކޭން ވަނީ ކެސްޕަރ ޝުމައިކަލް އާއިދެކޮޅަށް މިހާތަނަށް 19 ލަނޑު ޖަހާފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ގައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުތައްވެސް ހިމެނެ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައިވެސް ހެރީ ކޭންގެ ފަރާތުން ނުރައްކާތެރި ހަމަލަތަކެއް ފެނިގެން ގޮސްފައިވާއިރު ސެލްޓިކްގެ ގޯލުކީޕަރު ކެސްޕަރ ޝުމައިކަލްގެ ފަރާތުންވަނީ ރަގަޅު ސޭވްތަކެއް ފެނިގެން ގޮސްފަ އެވެ.
ސެލްޓިކް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 79 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖަޕާނުގެ މިޑްފީލްޑަރ ޑައިޒެން މައޭޑާ އެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ހަތަރު ލަނޑު ޖެހި ޖަޕާނުގެ ފުރަތަމަ ކުޅުންތެރިޔާއަށް ވެފަ އެވެ.
މައެޑާ އަށް މި މެޗުގައި ކުޅެވިފައިވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި އޭނާއަށް ދެއްކި ކާޑާއިއެކު ދެ މެޗަށް އޭނާ ސަސްޕެންޑް ކުރުމުން އެ މައްސަލަ ސެލްޓިކް އިން އެޕީލްކުރުމުން މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ބެލުމަށްފަހު އޭނާގެ ސަސްޕެންޝަން އެއް މެޗަށް ބަދަލު ކުރުމާއި ގުޅިގެންނެވެ.