ޚަބަރު

ފަލަސްޠީނު ރައްޔިތުންނަށް ސިއްޙީ ޚިދުމަތްތައްތައް ފޯރުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި


  • ޑަބްލިޔުއެޗްއޯގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުން ވަނީ ބާއްވާފައި

  • އާއްމު ސިއްޙަތު ކުރިއެރުވުމަށް މުހިންމު މަޝްވަރާތަކެއް ވަނީ ކޮށްފައި

ފަލަސްޠީނުގެ ރައްޔިތުންނަށް ސިއްޙީ އެހީ ފޯރުކޮށްދިނުމަށް، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބައްދަލުކުރެއްވުމުގައި ދިވެހި ރާއްޖެއިން ގޮވާލައިފިއެވެ. މިކަމާ ގުޅޭ ގޮތުން އިޒްރޭލުން ހުށަހެޅި ކަންކަމާ ދެކޮޅަށާއި އަދި ފަލަސްޠީނުން ހުށަހަޅާފައިވާ ކަންކަން ކުރުމަށް ރާއްޖެއިން ވަނީ ވޯޓުދީފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުން މިހާރު ވަނީ ނިންމާލާފައެވެ. ދިވެހިރާއްޖެއާއެކު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގައި 34 ޤައުމެއް ހިމެނެއެވެ. ޞިއްހަތާ ގުޅުންހުރި ބައިނަލްއަޤްވާމީ މުހިއްމު ނިންމުންތަކެއް ނިންމެވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

އެގޮތުން، ރާއްޖޭގެ ވަފުދުންވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވަރސަލް ހެލްތު ކަވަރޭޖް އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާއި، އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙަތާ ގުޅޭގޮތުން ހުށަހެޅުންތައް ހުށަހަޅާފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ފަލަސްޠީނުގައި ދިރިއުޅޭ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދައުރާގުޅޭ ގުޅޭގޮތުންވެސް މަޝްވަރާތައްކުރެއްވިއެވެ. މިކަމާގުޅޭ ގޮތުން އިޒްރޭލުން ހުށަހެޅި ކަންކަމާ ދެކޮޅަށާއި އަދި ފަލަސްޠީނުން ހުށަހަޅާފައިވާ ކަންކަން ކުރުމަށް ރާއްޖެއިން ވަނީ ވޯޓުލައިފައެވެ.

މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން ބުރޫނާއި، ސައުތު ކޮރެއާ، ޤަތަރު އަދި ތައިލެންޑާއެކު ބައްދަލުވުންތަކެއް ވަނީ ބާއްވަވާފައެވެ.

މި ބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެއްވިއެވެ. އަދި ޙާއްސަކޮށް ތައިލެންޑާއި ޤަތަރާއެކު ސޮއިކުރުމަށް ހުށަހަޅާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި ޕްރައިމަރީ ހެލްތުކެއަރ ހަރުދަނާކުރުމާއި، ޕޯސްޓު ގްރެޖުއޭޓު ސީޓު ހޯދުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންދިޔައެވެ.

މީގެއިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސްއާ ބައްދަލުކޮށް، ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ޝުކުރު ދެންނެވިއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ފާހަގަކުރިއެވެ.