އިލެކްޝަސް ކޮމިޝަނުން ޢާންމުކޮށްފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ދަފުތަރާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ "މެންބަރޝިޕް ޑްރައިވް"އަށްފަހު، ޕާޓީގެ ދަފުތަރާއި މެދު ޢާންމުންގެ ޝަކުވާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ އެ ޕާޓީގެ މެންބަރުންގެ ދަފުތަރުގެ ޞައްޙަކަން ކަށަވަރުކޮށް، ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ދަފުތަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލީޑަރޝިޕަށް އަންގާފައިވާ ކަމަށެވެ.
ޕީއެންސީގެ ބަޔާނުގައި ބުނީ ޕާޓީގެ ދަފްތަރާއި މެދު ޢާންމުންގެ ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އެ ޕާޓީން މިދިޔަމަހު ހުޅުވާލާފައިވާކަމަށެވެ. އަދި މިހާތަނަށް ޕާޓީގެ ދަފްތަރާއި ގުޅޭގޮތުން ހުށައަޅާފައިވާ ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އެ ޕާޓީން ބުނެެެއެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ ދަފުތަރުގައި މެންބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން ނުވަތަ ނުހިމެނި އޮތުމާއި މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އަންނަ އޭޕްރީލް މަހުގެ 13ވަނަ ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕާޓީގެ މައި އިދާރާ ނުވަތަ ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކަށް ޝަކުވާ ހުށައެޅޭނެކަމަށްވެސް އެޕާޓީން ބުނެއެވެ. މީގެއިތުރުން ހުށައެޅޭ ޝަކުވާތަކާއި މެދު ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށްވެސް ޕީއެންސީގެ ބަޔާނުގައިވެއެވެ.