މި ނިމުނު ހަފުތާއަކީ އެކި އެކި ދާއިރާތަކުން ފާހަގަކުރެވޭ ކަންތައްތަކެއް ރާއްޖޭގައި ހިނގައިދިޔަ ހަފްތާއެކެވެ. އެންމެ ފާހަގަވެގެންދިޔަ އެއް ކަމަކީ އަންނަ ރަމަޟާންމަހު ޢުމްރާއަށް ދާ ކޮންމެ މީހަކަށް ރަސްމީ ރޭޓުގައި، ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑުގެ ލިމިޓަށް އިތުރު 1500 ޑޮލަރު އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުގެ މިހާރުގެ ލިމިޓަކީ 250 ޑޮލަރެވެ. ނަމަވެސް ރައީސްގެ މި ނިނެމްވުމާއެކު ކޮންމެ ޢުމްރާވެރިއަކަށް 1750 ޑޮލަރު ރަސްމީ ރޭޓުގައި ލިބޭނެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ، ޝަރުޢީ ދާއިރާއިން ފާއިތުވި އަހަރު ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅުމަށް "ޤަޟާޢީ އަހަރު" އިފްތިތާޙްކޮށްދެއްވާފައެވެ.
ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވޯލްޑް ގަވަމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ދަތުފުޅެއް ވަނީ ފައްޓަވާފައެވެ. މި ދަތުރުފުޅުގައި "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި ކުރިއަށްދިޔަ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ނައިބު ރައީސް ވަނީ ތަޤުރީރުކުރައްވާފައިވެއެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންގައި 13 ގޮނޑީގެ ތެރެއިން 9 ގޮނޑި ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްސް، ޕީއެންސީން ކާމިޔާބުކުރުން ފާހަގަކޮށްލެވެއެވެ. އަދި އިންތިޚާބަކާ ނުލައި ޕީއެންސީން ކާމިޔާބުކުރި 24 ގޮނޑިއާއެކު ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރެއްވި 37 ބައި-އިލެކްޝަންގެ ތެރެއިން 33 ބައި-އިލެކްޝަން ޕީއެންސީންވަނީ ކާމިޔާބުކޮށްފައެވެ.
މީހާއަށް ނޭނގި ނުވަތަ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އީހަމައެކަނި -ފާސް މެދުވެރިކޮށް ޕާޓީއެއްގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށައެޅޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ބަދަލުކުރީވެސް ނިމުނު ހަފުތާގައެވެ. މި ބަދަލު ގެނައުމަށް ސިޔާސީ ޕާޓީގެ ގަވާއިދު ވަނީ އިސްލާޙުކޮށްފައެވެ. އަދި އީ-ފާސް މެދުވެރިކޮށް ލޮގިންވެ އިލެކްޝަންސްގެ މައިޕޯޓަލް މެދުވެރިކޮށް ޕާޓީއަކަށް ވަނުމަށް މިހާރު ހުށައެޅޭނެއެވެ.
ނިމުނު ހަފުތާ ފާހަގަކޮށްލެވެނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މި އަހަރަށް ރަސްމީކޮށް ފެށިގެން ދިޔަ ހަފުތާއަށެވެ. އެ ގޮތުން މުހިންމު ބިލުތަކެއް މަޖިލީހަށް ހުށައެޅިގެންދިޔައެވެ. މި ގޮތުން ހުށައެޅުނު އެއް ބިލަކީ މި މަހުގެ ނިޔަލަށް މަޖިލީހުގެ ދައުރު ކުރުކޮށްލުމަށް ހުށައެޅި އިޞްލާހެވެ.
މަޖިލީހަށް ހުށައެޅުނު އެހެން ބިލުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމަށް އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް ހުށައެޅުއްވި އިސްލާޙު ގެނައުމުގެ ބިލެވެ.
ނިމުނު ހަފުތާގައި ބައެއް މިނިވަން މުއައްސަސާތަކުގެ މަޤާމުތަކަށް މެންބަރުންވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވެއެވެ. އެ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް ހަމްދީ އަޤީލް މަޤާމުން ވަކިކުރި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ.
ފާއިތުވި ހަފުތާގައި އިޤުތިޞާދީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކުގެ ތެރޭގައި ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ފަހުމުނާމާއަށް ސަޢުދީ އަރަބިއްޔާގެ ކެބިނެޓުން ރުހުންދިނުން ހިމެނެއެވެ. ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އިޤުތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ޚާއްޞަ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހުއެވެ.
އިޤުތިޞާދީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި އަވިން ހަކަރަ އުފައްދާ 100 މެގަވޮޓުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި މަޝްރޫޢެއް ހިންގުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައިވަނީވެސް މި މަޝްރޫޢަށެވެ.
ވޭތުވެދިޔަ ހަފުތާގައި ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްއިން ދޫކުރާ ލޯން ސްކީމްތަކަށް ހެޔޮ ބަދަލުތަކެއް އެ ބޭންކުން ވަނީ ގެނެސްފައެވެ. އެ ގޮތުން މި ސްކީމްގެ ދަށުން ހަމައެކަނި އެޕާޓްމަންޓް، ރޯ ހައުސްގެ އިތުރުން ސިންގަލް ޔުނިޓް ގަތުމަށް ލޯން ދޫކުރި ނަމަވެސް މިހާރު ބިމާއި ޕާކުކުރާނެ ޖާގަ ގަތުމަށްވެސް ލޯން ދޫކުރާނެއެވެ. އަދި ލޯން ނަގާއިރު ދައްކަންޖެހޭ ޑައުންޕޭމަންޓު، 3 މިލިޔަން ރުފިޔާގެ ތަނެއް ގަންނަނަމަ 20 އިންސައްތައިން 10 އިންސައްތައަށްވަނީ ކުޑަ ކޮށްފައެވެ.
މީގެ އިތުރުން ބީއެމްއެލްއިން ވަނީ ގެދޮރުވެރިކަމުގެ ވިޔަފާރި ލޯނަށްވެސް ބައެއް ބަދަލުތައް ގެނެސްފައެވެ. އެ ގޮތުން ލޯން އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށް، ދިގު މުއްދަތުގެ ކުލީ އެގްރިމެންޓާއެކު ފައިނޭންސިންއަށް ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
ހަމައެއާއެކު މި މަހުގެ 6ވަނަ ދުވަހަކީ ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަސްކަންވެސް ތަފާސްހިސާބުތަކުން ހާމަކޮށްފައިވަނީ ނިމުނު ހަފުތާގެ ހޮނިހިރު ދުވަހުއެވެ. ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މަސްވެރިން ކިރުވައިފައިވާ މަހަށް މިފްކޯއިން ވަނީ 6.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި މިއީ މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް އެންމެ ގިނައިން ފައިސާ ދޫކުރި ދުވަސްކަންވެސް ފާހަގަކޮށްލެވެއެވެ.
އަދި ފާއިތުވި 15 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން މަސް ކިރުވި ދުވަހަކަށް ވެފައިވަނީ ނިމުނު ހަފުތާގެ ބުދަ ދުވަހެވެ. ބުދަ ދުވަހު މިފްކޯއަށް ވަނީ 546 ޓަނުގެ މަސް ކިރުވާފައެވެ.
އިޤުތިޞާދީ ދާއިރާއިން ފާހަގަކޮށްލެވޭ އެހެން ޚަބަރުތަކަށް ބަލާލާއިރު، ޔޫރަޕުގައި ރަޖިސްޓަރީކޮށްފައިވާ މަތިންދާބޯޓުތައް މަރާމަތު ކުރުމުގެ ހުއްދަ އައިލެންޑް އެވިއޭޝަނަށް ލިބުނު ޚަބަރު ފާހަގަކޮށްލެވެއެވެ. އައިލެންޑް އެވިއޭޝަންގެ އިންޖިނިއަރުން ވަނީ ޔޫރަޕުގައި ރަޖިސްޓަރީކުރެވިފައިވާ މަތިންދާ ބޯޓުތައް މަރާމާތުކުރުމަށް ބޭނުންވާ ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ، އިޔާސާ ހިމެނޭހެން ބައިނަލްއަޤްވަމީ ވައިގެ ދަތުރުފަތުރާބެހޭ 12 އިދާރާއަކުން މަތިންދާ ބޯޓު މަރާމާތުކުރުމުގެ ސެޓިފިކޭޝަން ހާސިލްކޮށްފައެވެ. ޤައުމީ އެއަރލައިނުން މިކަން ހާމަކުރައްވާފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.
ނިމުނު ހަފުތާގައި ޞިއްޙީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކެއްވެސް ނޫސްތަކުން ފެނިގެންދިޔައެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ޚަބަރަކީ ދިވެހި މުޖުތަމަޢުގެ ދުންފަތުގެ ވަބާއިން ދުރުކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާންމު ގަވާއިދެއް އެކުލަވާލައި އާންމުކުރުމެވެ. މި ގަވާއިދުގައި ދުންފަތް ރާއްޖެ އެތެރެކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވެއެވެ. އެ ގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްދަ ތަންތަނުގައި އެކަން ކުރެވޭނީ ދުންފަތުގެ އިސްތިޢުމާލުކުރުމަށް ހަމަޖައްސާފައިވާ ވަކި އޭރިއާއެއް ނުވަތަ ރޫމެއްގައިކަން ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
އަދި މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކުރި ވޭޕުގެ ބާވަތެއް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ދިވެހި ފުލުހުންނަށް ގަވާއިދުގެ ދަށުން ވަނީ ދީފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކުރާއިރު، ވޭޕެއް ފެނިއްޖެނަމަ އެ ނަގައި ބެލުމުގެ ދަށަށް ގެނައުމުގެ ބާރުވެސް ފުލުހުންނަށް ވަނީ މި ގަވާއިދުގެ ދަށުން ދީފައެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ފުލް ފްލެޖްޑް ބްލަޑް ބޭންކު ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު 3 ސަރަޙައްދެއްގައި ބްލަޑް ބޭންކުތައް ޤާއިމުކޮށް، ޚިދުމަތް ފެށޭނެކަން ސިއްޙީ ވުޒާރާއިން ހާމަކުރައްވާފައެވެ. ބްލަޑް ބޭންކު ޤާއިމްކުރާ 3 ހޮސްޕިޓަލަކީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ.ގަމު ރީޖަނަލް ހޮސްޕިޓަލެވެ.
ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނާއި ގުޅޭގޮތުން ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 1.1 ބިލިޔަން ރުފިޔާ ހޯދާފައިވާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ހާމަކުރެއްވީވެސް މިދިޔަ ހަފުތާގައެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.8 ބިލިޔަން ރުފިޔާއަށް އަރައެވެ. ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތައް ޤާނޫނުގެ ތެރެއަށް ގެނައުމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ގަވާއިދުން ބިދޭސީނާ ގުޅުންހުރި ފީތައް ނުދައްކާ، މަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ބްލެކްލިސްޓުކުރާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ފާއިތުވި ހަފުތާގައި ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވުނު އެއް ޚަބަރަކީ ދަރިވަރުންގެ މަޢުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ފެންނާނެގޮތަށް ސިސްޓަމެއް ޤާއިމްކުރައްވާނެކަން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ހާމަކުރެއްވި ޚަބަރެވެ. 45 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ މަޢުލޫމާތު ވަޒީރު އިސްމާޢިލް ޝަފީޢު ހާމަކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ޢުމްރާނީ ދާއިރާއިންވެސް ބައެއް މަޝްރޫޢުތައް މިދިޔަ ހަފުތާގައި ނިމިފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ލ. އިސްދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމުމަށްފަހު އޮޕަރޭޓަރާ ޙަވާލުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި ލ. ކަލައިދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމުމަށްފަހު ޑިފެކްޓްސް ލައަބިލިޓީ ޕީރިއަޑްގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންގެންދާކަންވެސް ނިމުނު ހަފުތާގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީން ވަނީ ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމާލާފައިވާކަންވެސް ހާމަކުރައްވާފައެވެ. 650 މީޓަރުގެ ޖިއޯ ބޭގު ޖެހުމުގެ މަސައްކަތާއެކު މަޝްރޫޢު ނިންމާލާފައިވާކަން އެމްޓީސީސީން ހާމަކުރެއްވީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ދެ ޝަޚުސިއްޔަތެއް އަޅުގަނޑުމެންނާ ވަކިވެ ދުނިޔެ ދޫކުރިއެވެ. އެގޭ ތެރެއިން އެއް ބޭފުޅަކީ މެރިން ރިސަރޗްގެ ދާއިރާއަށް 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ޙަސަން ޝަކީލެވެ. ޢުމުރުން 64 އަހަރުގައި އޭނާ ނިޔާވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ނިމުނު ހަފުތާގައި ދުނިޔެ ދޫކުރި އަނެއް ޝަޚުސިއްޔަތަކީ އޭނާގެ ލަވަތަކާއި ރާގުތަކުންގެ ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި މެޒޯ މުޙައްމަދު މާޖިދެވެ. ވަރަށް ގިނަ ދުވަހު މިޔުޒިކުގެ ދާއިރާއަށް ޚިދުމަތްކުރެއްވި މެޒޯ މުޙައްމަދު ނިޔާވީ ބުދަ ދުވަހުއެވެ.
އެހެންކަމުން ނިމުނު ހަފްތާ ފާހަގަކޮށްލެވޭނީ އިޤުތިޞާދީ ދާއިރާއާއި ސިޔާސީ ދާއިރާއިންވެސް މުހިންމު ކަންތައްތަކެއް ހިނގާފައިވާ ހަފުތާއެއްގެ ގޮތުގައެވެ. އަދި ޤައުމުގެ ދެ ޝަޚުސިއްޔަތެއް އަޅުގަނޑުމެންނާ ވަކިވެފާވާއިރު، ޢުމްރާނީ ތަރައްޤީގެ ބައެއް މަޝްރޫޢުތައް މިދިޔަ ހަފުތާގައި ނިމިފައިވާކަން ފާހަގަކޮށްލެވެއެވެ.