ޚަބަރު

ރާއްޖެ އާއި ޗައިނާ އެއްބަސްވުމަކީ ކުޅިވަރު ތަރައްގީކުރުމުގެ ޕްލޭނަށް އެޅުނު މުހިންމު ފިޔަވަޅެއް


ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމުގެ ޕްލޭންގެ އަމާޒަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހި އެތުލީޓުން އެންމެ މަތީ ވަނަތައް ހޯދުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ކުޅިވަރާއި ބެހޭ ވުޒާރާއާއި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯ އާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް އާދިއްތަ ދުވަހު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ވަޒީރު ވިދާޅުވީ އެ އެއްބަސްވުމަކީ މި އަމާޒު ހާސިލުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން ކޯޗިން އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ބައިނަލްއަގްވާމީ ކުޅިވަރު އިވެންޓްތަކުގައި ދެ ފަރާތުން ބައިވެރިވުމާއި ކުޅިވަރު ތަމްރީނު ކޭމްޕްތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެއްބާރުލުންދީގެން ކުޅިވަރު ތަރައްޤީކުރުމުގައި ހުރިހާ ފަރާތްތަކެއް ހިމެނޭކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތަށް ކުރިއެރުންތައް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އަދި މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަނެ ބައިނަލްއަގްވާމީ ކުޅިވަރުގެ ކާމިޔާބީގައި ރާއްޖޭން އުންމީދުކުރާ ބޮޑު ތަސައްވަރާއި ގާތަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އެ އެއްބަސްވުމުން އަދާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ބައިނަލްއަގްވާމީ އެއްބާރުލުން ހޯއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިސްކަން ފާހަގަ ކުރެއްވިއެވެ. އަދި އިއްޔެ ސޮއި ކުރެވުނު އެއްބަސްވުމަކީ އެކަމުގެ ހެއްކެއްކަމުގައި ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ދެގައުމުން އެއްބާރުލުންދިނުމާއި ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޑޮން ޖިން ސޮންއެވެ.

އެ އެއްބަސްވުމުގެ ދަށުން، ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަށް ކުރިއެރުވުމަށް އެހީވުން ހިމަނާފައިވެއެވެ.

މީގެ އިތުރުން ކުޅިވަރާއި ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީންނާއި އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި ޚާއްސަ އޮފިޝަލުން ތަމްރީނުކުރުން ހިމެނެއެވެ.