ޚަބަރު

ޙައްޖުގެ ތައްޔާރީތަކާ ގުޅޭގޮތުން ސަޢުދީގެ ޙައްޖު މިނިސްޓްރީގެ އިސްވެރިންނާއެކު މަޝްވަރާކޮށްފި


  • ބަސް ދަތުރުތަކާއި ފޭލިގެތައް ހަމަޖެއްސުމުގެ އިންތިޒާމްތަކާގުޅޭގޮތުން މަޝްވަރާކުރެވުނު

  • އިންތިޒާމުތައް ހަމަޖެއްސުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައި

1446 ވަނަ އަހަރަގެ ޙައްޖުގެ ތައްޔާރީތަކާ ގުޅޭގޮތުން ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ އިސް އޮފިޝަލުންނާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ ޙައްޖު ކޯރޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފާއި، އެ ކޯރޕަރޭޝަންގެ ހެޑް އޮފް ޙައްޖު އެންޑް ޢުމްރާ އޮޕަރޭޝަންސް އިރްފާން އަންވަރެވެ.

ޙައްޖު ކޯރޕަރޭޝަނުން ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ އިސް އޮފިޝަލުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޙައްޖުގެ ތައްޔާރީތަކާ ގުޅޭގޮތުންކަމަށެވެ.

އެގޮތުން މިނާ، މުޒްދަލިފާ އަދި އަރަފާތުގައި ޙައްޖުވެރިންނަށް ބޭނުންވާ ފޭލިގެ ހަމަޖެއްސުމާއި، ޙައްޖުވެރިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ބަސް ދަތުރުތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ޙައްޖު ކޯރޕަރޭޝަނުން ވިދާޅުވިއެވެ. އަދި ޙައްޖުވެރިން ބޭތިއްބުމުގެ އިންތިޒާމްތަކާއި، ނަގަންޖެހޭ ހުއްދަތައް ނެގުމުގެ ކަންކަން ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށްވެސް ޙައްޖު ކޯރޕަރޭޝަނުން ވިދާޅުވިއެވެ.

މިދިޔަ އަހަރު ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ޖުމްލަ 1150 ދިވެހިން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ކޮންމެ އަހަރަކުވެސް ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ޙައްޖުގެ އިންތިޒާމްތައް ފުރިހަމަކުރުމަށްޓަކާ ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރަމުންނެވެ.