ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދެ ފެކަލްޓީއަކަށް އިސްވެރިން ޢައްޔަނުކޮށްފިއެވެ.
ޤައުމީ ޔުނިވަރސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން އަދި ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްގެ އިސްވެރިޔާގެ މަޤާމު ހަވާލުކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިޔާތެއް ބާއްވާފައެވެ.
ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންއަކަށް އައްޔަންކޮށްފައިވަނީ، ޑރ. ޢަބުދުލް ސައްތާރު އަބްދުލް ރަޙްމާނެވެ. އަދި ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް އިސްވެރިޔާގެ މަގާމަށް އައްޔަންކޮށްފައިވަނީ ރޯޒާ އިބްރާހިމެވެ.
ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީންއަކަށް އައްޔަނުކޮށްފައިވާ ޑރ. އަބުދުލް ސައްތާރު އަބްދުލް ރަޙްމާނަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ގުޅިވަޑައިގަތީ 2004 ވަނަ އަހަރުއެވެ. ތައުލީމީ ދާއިރާގައި ކުރައްވާފައިވާ ޙިދުމަތްތަކުގެ އިތުރުން މުޖުތަމައުގައި ދިނީ ހޭލުންތެރިކަން އިތުރުކުރުމަށް، ދީނީ ފޮތްތައް ދިވެހިބަހުން ދަރިވަރުންނާއި މުޖުތަމައާ ހިސާބަށް ގެނައުމުގެ ގޮތުން ޑރ. އަބުދުލް ސައްތާރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމްއެންޔޫއިން ވަނީ ފާހަގަކުރައްވައެވެ.
ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް އިސްވެރިޔާގެ މަގާމަށް އައްޔަނުކޮށްފައިވާ ރޯޒާ އިބްރާހިމް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ގުޅިވަޑައިގަތީ 2005 ވަނަ އަހަރުއެވެ. އެމްއެންޔޫއިން ވިދާޅުވީ ރޯޒާ އިބްރާހިމް ވަނީ ސެންޓަރ ކުރިއެރުވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެކްޓިންގ ވެރިޔާކަމުގައި ސެންޓަރ ތަމްސީލުކޮށް ޔުނިވާސިޓީ ކޯސްތަކުގެ އިންސްޓުރަކްޝަން މަސައްކަތް ކުރިއަރުވާ އަގުހުރި މަސައްކަތް ތަކެއް ކުރައްވާފައިވާކަމަށްވެސް އެމްއެންޔޫއިން ވިދާޅުވެއެވެ.
އެމްއެންޔޫ އަކީ ތަޢުލީމާއ،ި ދިރާސާތަކާއ،ި އައު އީޖާދުތަކުގެ ރޮނގުން ދިވެހިރާއްޖޭގައި އިސް ދައުރެއް އަދާކުރަމުންދާ މަރުކަޒެކެވެ. މީގެތެރޭގައި ޓެކްނޮލޮޖީއާއި ގުޅޭ ދިރާސާތަކާއި ދަރިވަރުންގެ ކުރިއެރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއްދެއެވެ. އަލަށް އައްޔަނުކޮށްފައިވާ އިސްވެރިން މަސައްކަތް ކުރާނީ އެމްއެންޔޫގެ ސްޓްރެޓެޖިކް ވިޝަން ކުރިއަށް ގެންދިއުމަށް ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. އެގޮތުން ދަރިވަރުންނަށް އެމީހުންގެ ދާއިރާތަކުގައި ކުރިމަތިވާ އައު ގޮންޖެހުންތަކަށް ތައްޔާރުވެ ތިބުމަށް ބޭނުންވާ ހުނަރުތައް ލިބިދިނުމަށް މަސައްކަތް ކުރެވޭނެކަން އެ ޔުނިވަރސިޓީއިން ފާހަގަކުރައްވައެވެ.