ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އައިޝަތު އަޒީމާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ މިއަދު އަރުވައިފިއެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު "ރާޝްތުރަޕަތީ ބަވަން"ގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމު ވަނީ ސަފީރު އަޒީމާއަށް ހޫނު މަރުހަބާއެއް ދަންނަވައި ތަހުނިޔާ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި ސަފީރު އަޒީމާ ވަނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ރައްޔިތުންގެ ފަރާތުން ހެޔޮއެދުމާއި ތަހުނިޔާ، އިންޑިއާގެ ރައީސްއަށާއި ރައްޔިތުންނަށް ރައްދުކޮށްދެއްވާފައެވެެ. އަދި ދިވެހިރާއްޖޭގެ ކުރިއެރުމަށް އިންޑިއާ އިން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރިއެވެ. މީގެއިތުރުން ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދުއޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުވާލައި މިގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ސަފީރު ފާހަަގަކުރެއްވިއެެވެ.
މި އަހަރަކީ ރާއްޖެ އާއި އިންޑިއާ ދެމެދު ޚަރިޖީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ. އިންޑިއަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.