ޚަބަރު

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


  • ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފަހު ތާރީޙަކީ މޭއި މަހުގެ 4 ވަނަ ދުވަސް

  • ރެހެންދި އެވޯޑަށް

ޤައުމީ ޚިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ދެމުން އަންނަ "ރެހެންދި އެވޯޑް" އަށް ކުރިމަތިލުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ރެހެންދި އެވޯޑަކީ، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހާގަކޮށްދޭ އެވޯޑެކެވެ. އަދި މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމަކީ މި އެވޯޑު ދިނުމުގެ މަޤްޞަދެކެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުޞަތުދެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފުސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެއެވެ.

މިފަހަރުވެސް މި އެވޯޑު ވަކި ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް ދޭއިރު، މި ދެ ކެޓަގަރީން އެވޯޑު ދޭނީ 4 ދާއިރާއަކުންނެވެ.

އެވޯޑު ދޭ ދާއިރާތައް

  • * ލީޑާރޝިޕް އަދި ގަވަނެންސް
  • * އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން
  • * އިޖްތިމާޢީ ގޮތުން ބާރުވެރިކުރުވުން
  • * އަންހެނުން އާންމުކޮށް ކޮށްނޫޅޭ

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ވެބްސައިޓުން އިން ޑައުންލޯޑު ކުރެއްވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އަދި ރެހެންދި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު، އެ ވުޒާރާއިންނާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ އެ ވުޒާރާގެ ދަށުން ހިންގާ ތަންތަނުން ލިބެން ހުންނާނެ ވާހަކަ ދަންނަވެމެވެ.

އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ވުޒާރާގެ އީމެއިލް އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ އެވުޒާރާގެ ކައުންޓަރުންނެވެ.