ޚަބަރު

ޤާނޫނަށް ގެންނަ ބަދަލުތަކަށް ވަކީލުން ފަރިތަވާންޖެހޭ: އުއްތަމަފަނޑިޔާރު


  • 37 ފަރާތެއް ވަނީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ހުވާކޮށްފައި

ޤާނޫނަށް ގެންނަ ބަދަލުތަކާއި، ދާއިރާއަށް އަންނަ ކުރިއެރުންތަކަށް ޤާނޫނީ ވަކީލުން ވަރަށް ބޮޑަށް ފަރިތަވުމަށް އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުޢުތަސިމް އަދުނާން ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ބާކައުންސިލުން ބޭއްވި ޤާނޫނީ ވަކީލުން ހުވާ ކުުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަންޑިޔާރު ވަނީ އަލަށް ހުވާކުރެއްވި ވަކީލުންނަށް ޤާނޫނީ ފަންނުގެ ދާއިރާގައި އެމަނިކުފާނުގެ ތަޖުރިބާ ހިއްސާކޮށްދެއްވާފައެވެ. އެގޮތުން މިދާއިރާގައި އެމަނިކުފާނު މަސައްކަތް ކުރައްވާތާ 32 އަހަރު ވެގެން ދިޔައިރު އޭރާއި މިހާރު ކަންކަން އިންތިޒާމު ވެފައިވާ ގޮތް ތަފާތުކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ މި ދާއިރާއަށް ނިކުންނެވިއިރު އެ މަސައްކަތް ކުރެއްވި ވަކީލުންގެ ވާހަކަތައް އުއްތަމަ ފަނޑިޔާރު ހިއްސާކުރެއްވިއެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، އެމަނިކުފާނަށް މި ދާއިރާއިން ލިބިވަޑައިގެންނެވި އެންމެ މުހިންމު އެއް ނަސޭހަތަކީ ވަކީލުންނަކީ ސިއްރު ހިފަހައްޓަން ޖެހޭ ބައެއްކަމުގެ ނަސޭޙަތްކަމަށެވެ.

" ސިއްރު ހިފަހައްޓަންޖެހޭ މުއައްސަސާތަކާއި މީހުންގެ މަސައްކަތް ކުރާނެ. އެކަކުގެ ވާހަކަ އަނެކެކު ގާތުގައި ނުދެއްކުން ވަރަށް މުހިންމު. މަސައްކަތް ކުރާއިރު ކުންފުނިތަކުގެ ހިސާބު ކިތާބުތައް ފެންނާނެ. އެހިސާބު ކިތާބުގެ ވާހަކަ އިތުރު ތިންވަނަ ފަރާތެއްގައި ދައްކައިގެން ނުވާނެ. އެފަރާތެއްގެ އިތުބާރު އޮންނަންވާނެ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ޤާނޫނުއަސާސީއެއް ވުޖޫދުވުމަށްފަހު، މިހާހިސާބަށް އައިިއިރު އެކި ބަދަލުތައް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް ބަދަލުތައް އަންނަކަން ފާހަގަކުރައްވައި، އެކަންކަމަށް ވަކީލުން ފަރިތަވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ޤާނޫނަށް އަންނަ ބަދަލާއި ތަރައްޤީއަކީ ހުރިހާ ވަކީލުން ފަރިތާވާންޖެހޭނެ ބަދަލުތައް އަދި ތަރައްޤީ. ޑެވެލޮޕްމެންޓާއި އެއްވަރަށް ހިފަހައްޓާލެވިގެން ކުރިއަށްދެވޭނީ. ތަރައްޤީއާއެކު ކުރިއަށް ދާން މިޖެހެނީ " އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އަލަށް 37 ފަރާތެއް ވަނީ ޤާނޫނީ ވަކީލުކަމުގެ ހުވާކޮށްފައެވެ. ބާކައުންސިލުން ވިދާޅުވީ މިއާއެކު އައު ޤާނޫނުގެ ދަށުން މިހާތަނަށް 448 ފަރާތެއް ވަކީލުންގެ ހުވާކޮށްފައިވާކަމަށެެވެ. އަދި މިދިޔަ އަހަރު ނިޒާމަށް ގެނައި ބަދަލާއެކު މި ދާއިރާއާ ގުޅޭ މީހުން އަދަދު އިތުރުވެފައިވާކަންވެސް ބާ ކައުންސިލުން ފާހަގަކުރައްވައެވެ.