އާސަންދައިން ބޭސްހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި، އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށް ނިޒާމަށްގެންނަންޖެހޭ ބަދަލުތައް، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ. މައިގަނޑު 11 ކަމެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ޞިއްޙަތާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
1. ރާއްޖޭގައި ޕްރެސްކްރައިބް ކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
2. ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވައިލައި ނިންމުން.
3. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އިން ލިބެން ހުރި ބޭސް ފެންނާނެގޮތަށް މިހާރު ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
4. މި ބަދަލަށް (ޕޮއިންޓް 4 އަދި 5) ޑޮކްޓަރުން އަހުލުވެރިކުރުވުން.
5. އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސް.ޓީ.އޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
6. އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ އުސޫލުތަކުގެ ތެރެއިން އެސް.ޓީ.އޯ އަށް ލިބޭނެ ގޮތް ހަމަޖެއްސުން. މިކަމުގެ ދާއިމީ ޙައްލެއްގެ ގޮތުން، އެސް.ޓީ.އޯ އިން ސީދާ ބޭސް އުފައްދާ ފަރާތްތައް (މެނުފެކްޗަރަރ) މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުން.
7. މާލޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ 4 ޖީ.ޕީ ކްލިނިކުން އެސް.ޓީ.އޯ ގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އަދި މި ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސް.ޓީ.އޯ އިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން.
8. ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދައުރު ފުޅާކުރުން.
9. ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމުން، އެ މައްސަލަތައް ބައްލަވައި، ފިޔަވަޅު އެޅުމުގައި ލަސްވާ މައްސަލަ ޙައްލުކުރުން.
10. އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން (އެސް.ޓީ.އޯ މެދުވެރިކޮށް) ބޭސް ލިބޭނެ ގޮތް ހަމަޖެއްސުން.
11. އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމް.އެފް.ޑީ.އޭ. ގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުން.
މި ކަންކަން ތަންފީޒުކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން އާސަންދައިން ބޭސްހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ސިއްޙީ ދާއިރާގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް ރިއާޔަތްކޮށް، އެކަންކަން ޙައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.