ޚަބަރު

ތަކެތީގެ އަގު ހިފެހެއްޓުމަށް ގަނޑުކޮށް އެތެރެކުރާ މުދާ ބަހައްޓާނެ ސަރަހައްދުތައް ކަނޑައަޅަނީ


ގަނޑުކޮށް މުދާ އެތެރެކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޓޯރޭޖްތަކެއް ހެދުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ބާޒާރުގައި މުދަލުގެ އަގު ހިފެހެއްޓުމަށްޓަކައި މިހާރު ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މިފިޔަވަޅުތަކާއިއެކު ދިވެހި ރާއްޖޭގައި ބާޒާރުގައި ތަކެތީގެ އަގުހިފެހެއްޓުމަށް، ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުދާ ރައްކާކުރެވޭ ގޮތަށް ސްޓޯރޭޖްތަކެއް ހެދުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެ މަތީން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އެކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި މެދުވެރިކޮށް އެކަން ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެކުންފުނި އުފެއްދި ސަބަބަކީ، ރަށްރަށުގައި އެބަހުރި އިޤްތިޞާދީ މަސައްކަތް ނުފެށި ހުރި ހުސްބިންތަކެއް. މިފަދަ ތަންތާގައި އެންމެ ރަނގަޅު ސަރަހައްދުތަކުގައި ބަލްކް ސްޓޯރޭޖް ހެދޭނެ ތަންތަން ބަލާ ކަނޑައެޅުމަށް ރައީސުލްޖުމްހުރިއްޔާ ވަނީ ނިންމަވާފައި. މިހާރު އެކުންފުނިން މަސައްކަތް ކުރޭ ބިން ލިބޭ ވަރަކުން ބަލްކް ކޮށް މުދާ ބަހައްޓަން" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކަނޑައެޅޭ ސަރަހައްދުތަކުގައި މުދާ ބަހައްޓައިގެން އަގުތައް ކުޑަކުރެވޭނެ ކަމަށާއި، ސްޓޯރޭޖްތައް ކަނޑައޭ ސަރަހައްދަކީ ޑިއުޓީ ނުނަގާ ސަރަހައްދުތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު ތަކެތީގެ އަގު ހިފެހެއްޓުމަށް މަގުފަހިވެގެންދާކަން އިޤްތިޞާދީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ރަމަޟާންމަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށް އަބަދުވެސް ސަރުކާރުން މަސައްކަތް ކުރެއެވެ. އެގޮތުން އެސްޓީއޯ މެދުވެރުކޮށް މުދާ ގެނެސްގެން، މިމަސައްކަތް ކުރާއިރު ކަނޑައެޅޭ މުދާތަކުގެ އަގުތައް ޤަވާއިދުން ދަނީ މޮނިޓަރ ކުރުމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ މިއީ ދެމެހެއްޓެނި ގޮތެއްގައި މިގޮތަށް ކުރެވޭނެ ކަމެއްތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ މިއަށް ވުރެ ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރާންޖެހޭކަން ފާހަގަކުރައްވާފައެވެ.

"މިގޮތަކަށް ނޫން މިކަން ކުރަންވީ، މިއަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރަން އެބަޖެހޭ. އެހެންވީމަ ރައީސްގެ މެނިފެސްޓޯގެ މަސައްކަތްޕުޅުތަކުގެ ތެރޭގައި އޮތީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑީސެންޓްރަލައިޒްކޮށް ސްޓޯރޭޖްތަކެއް ހެދިގެން ލޫޒް ކާގޯ ބަލްކްކޮށް ސްޓޯރ ކުރުމާއި، ބަލްކް ސްޓޯރޭޖްތައް ހެދިގެން ސަރަހައްދުތަކުން މުދާ ލިބޭނެ" ވަޒީރު ސަޢީދު ވިދާޅުވެއްޖެއެވެ.

ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަސާސީ ބާވަތްތަކެއް ކަނޑައަޅައި ރަމަޟާން މަހު އެތަކެތީގެ އަގު ހިފެހެއްޓުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާ ގުޅިގެން މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ތަކެތީގެ އަގު ހިފެހެއްޓޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ބާޒާރުގައި އަސާސީ މުދަލުގެ އަގު ގާތުން ބަލައި، ތަކެތީގެ އަގު އެނގޭނެ ޕްލެޓްފޯމެއްވެސް ޤާއިމްކުރައްވާނެ ކަމަށް އިޤްތިޞާދީ ވުޒާރައިން ވަނީ ހާމަކުރައްވާފައެވެ.