ޚަބަރު

ރަމަޟާންމަހު އަސާސީ ކާބޯތަކެތީގެ 141 ބާވަތެއްގެ އަގު އެއްހަމައެއްގައި ހުރޭތޯ ބަލާނެ: ވަޒީރު ސަޢީދު


  • މީގެތެރޭގައި މޭވާއާއި ތަރުކާރީ އަދި މަހުގެ ބާވަތްތައް ހިމެނޭ

  • ޒަރޫރީ ބާވަތްތަކުގެ އަގު ބޮޑުވާނަމަ ސަރުކާރުން އެކަމަށް ފިޔަވަޅު އަޅާނެ

މިއަހަރުގެ ރަމަޟާންމަހު އަސާސީ ކާބޯތަކެތީގެ 141 ބާވަތެއްގެ އަގުތައް ދެނެގަނެ މޮނިޓަރ ކުރަމުންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ބާޒާރުގައި ތަކެތީގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހު 141 ބާވަތެއް އެ ވުޒާރާއިން އަގުތައް ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންދާކަމަށެވެ. މި ތަކެތީގެ ތެރެއިން 32 ބާވަތެއް ކްރިޓިކަލް އައިޓަމްގެ ގޮތުގައި ފާހަގަކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރަމަޟާންމަހަށް ތައްޔާރުވުމުގެ މަސައްކަތް އެސްޓީއޯއާއި ގުޅިގެން 6 މަސްކުރިން ފަށާފައިވާކަމަށެވެ. އަދި އެސްޓީއޯއާއި އަމިއްލަ ވިޔަފާރިތައް ހިމެނޭގޮތުން ކުރަމުންދާ މަސައްކަތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ ދުވަސްވަރެއްގައިވެސް ރާއްޖޭގައި ކެއިންބުއިމަށް ބޭނުންވާ ތަކެތި ދަތިކަމެއްނެތި ލިބެމުންދާކަމަށެވެ.

"ރަމަޟާންމަހެއްގައި ރާއްޖެއަށް މުދާ އިމްޕޯޓްކުރާ އަދަދު ބަލާފައި އެސްޓީއޯ މެދުވެރިކޮށް އަދި ބައެއް ހޯލްސޭލަރުން މެދުވެރިކޮށް ރާއްޖޭގައި ލިބޭނެކަން ކަށަވަރުކުރުން. މިހެން ދަންނަވާއިރުވެސް ބައެއް ބާވަތެއް ހިނގައިދާނެ ނުލިބޭ. އެހެންވެއްޖިއްޔާ އެހެން ޤައުމަކުވެސް އެ ބާވަތެއް ގެނެސްގެންވެސް އެ ބާވަތެއް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމޭ ސަރުކާރުގެ އަމާޒަކީ." ވަޒީރު ވިދާޅުވިއެވެ.

މި ރަމަޟާންމަހު ސަރުކާރުން އަގުތައް ގާތުން ބަލާނެ 141 ބާވަތުގެ ތެރޭގައި ގޭބީސީތަކުގައި ކެއުމަށާއި، ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ އަސާސީ 93 ބާވަތަކާއި، މޭވާ އަދި ތަރުކާރީގެ 38 ބާވަތެއްގެ އިތުރުން ކަނޑުމަހުގެ 10 ބާވަތެއް ހިމެނޭކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.