ފަލަސްޠީނުގެ ޣައްޒާއަށް ނިރުބަވެރި ޔަހޫދީ ދަޢުލަތުން ދެމުންދާ ލާއިންސާނީ ޙަމަލާތައް ދާއިމީކޮށް ހުއްޓާލައި، ޔަހޫދީންގެ އިސްތިޢުމާރީ ފައުޖު ޣައްޒާގެ ހުރިހާ ސަރަޙައްދުތަކުން ފައިބަން އެއްބަސްވާނަމަ، ޙަމާސް ޖަމާޢާތުގެ ބެލުމުގެ ދަށުގައި ބާކީތިބި ހުރިހާ އަސީރުން އެއްފަހަރާ މިނިވަންކުރަން އެ ޖަމާޢަތުން ހުށަހަޅައިފިއެވެ.
ޙަމާސްއިން މި ހުށަހެޅުން ހުށަހެޅީ، ނިރުބަވެރި ޔަހޫދީ ދަޢުލަތާއި އެ ޖަމާޢަތާ ދެމެދު މިހާރު ޢަމަލުކުރަމުންދާ ޙަމަލާތައް ހުއްޓައިލުމުގެ ދެވަނަ ފިޔަވަހީގައި އެ ޖަމާޢަތުގެ ތަސައްވަރުގެ ތެރެއިންނެވެ.
"އަޅުގަނޑުމެން މިތިބީ ދެވަނަ މަރުޙަލާއަކަށް ތައްޔާރަށް، އެއީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލައި، ޣައްޒާގެ ހުރިހާ ސަރަޙައްދަކުން ސިފައިން ފޭބުމުގެ ޝަރުތަށް އެއްބަސްވާނަމަ، އެއްފަހަރާ ހުރިހާ އަސީރުން ދޫކޮށްލަން،" ޙަމާސްގެ ތަރުޖަމާނު ހާޒިމް ޤާސިމް ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޙަމާސްއިން ވަނީ އެ ޖަމާޢަތުން ހަތިޔާރު ބަހައްޓައި، ޣައްޒާ ދޫކޮށް ދިޔުމަށް ޔަހޫދީ ދަޢުލަތުން ކުރާ ޝަރުތުތަކަށް އެއްބަސްނުވާނެ ކަމަށް ވެސް ބުނެފައެވެ.
ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި އަވަސްކުރުމުގެ ގޮތުން، އަންނަ ހޮނިހިރު ދުވަހު މިނިވަންކުރަން ނިންމާފައިއޮތް އަސީރުންގެ އަދަދު 3އިން 6އަށް އިތުރުކޮށްފައިވާ ކަން ޙަމާސްގެ ވެރިޔާ ޚަލީލް އަލް-ޙައްޔާ ވަނީ އިޢުލާނުކުރައްވައިފައެވެ.
"މިނިވަންކުރާ އަސީރުންގެ އަދަދު ދެގުނަ ކުރުމަކީ، މެދުވެރިންގެ އެދުމަކަށް އިޖާބަ ދިނުމުގެ އިތުރަށް އެއްބަސްވުމުގެ ހުރިހާ ޝަރުތުތަކަކަށް ފުރިހަމައަށް އިޙްތިރާމްކުރާ ކަން ސާބިތުކޮށްދިނުމަށް ކުރި ކަމެއް،" ޤާސިމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޙަމާސްއިން އެއްބަސްވުމުގެ ދެވަނަ ފިޔަވަހި އަވަސްކުރަން އިސްނަގާފައިމިވަނީ، ޣައްޒާ އާރާސްތުކުރުމަށް ބޭނުންވާ ވަގުތީ ހިޔާތަކާއި އެކި އާލަތްތައް ޣައްޒާއަށް އަވަހަށް ވެއްދުމަށް ޔަހޫދީ ދަޢުލަތަށް ބާރުއެޅުމަށް ކަމަށް ބެލެވެއެވެ.
ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން މިދިޔަ މަހުގެ 19ވަނަ ދުވަހު ޢަމަލުކުރަން ފެށުމުގެ ކުރިން، ނިރުބަވެރި ޔަހޫދީ ދަޢުލަތުން އޮތީ، އެފަދަ އެހީތައް ޣައްޒާއަށް ވައްދަން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، އިތުރު 111,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
ޣައްޒާ އަލުން އާރާސްތު ކުރުމަށް 53 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި އެކުވެރި ދައުލަތްތައް (އދ)އާއި ވިލާތުގެ އިއްތިޙާދު (އީޔޫ) އަދި ވަރލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ޖުމްލަ 25 ޔަހޫދީ އަސީރުންގެ ބަދަލުގައި ފަލަސްޠީނަށް ނިޞްބަތްވާ 1135 ރައްޔިތުން ވަނީ މިނިވަންވެފައެވެ. އަދި ހޮނިހިރު ދުވަހު ދޫކޮށްލަން ނިންމާފައިވާ ހަ އަސީރުންގެ ބައްދަލުގައި އިތުރު 502 ފަލަސްޠީނުގެ ރައްޔިތުން މިނިވަންކުރަން ވަނީ ހަމަޖެހިފައެވެ.